09 Nov 2013, 09:37
ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކޮށް ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ޕީކޭ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕީކޭ ކާމިޔާބުކުރީ ފުރަތަމަ ސެޓް ޑީއެސްސީ ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި 4-1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ 22-25 ޕޮއިންޓުންނެވެ. އެހެން ނަމަވެސް ޕީކޭ ކުޅުން ވަރުގަދަކޮށް ދެވަނަ ސެޓް 25-18 އަދި ތިންވަނަ ސެޓް 25-20 އިން އަދި ހަތަރުވަނަ ސެޓް ފަސޭހަ ކަމާއެކު ގެންދިޔައީ 25-11 އިންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ ހަތް ޓީމު ވާދަކުރި މުބާރާތުގެ އެންމެ މޮޅު ސާވާއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ އަލީ މައުރޫފް އެވެ. އެންމެ މޮޅު ސެޓަރަކަށް ޕީކޭގެ އިޝާން މުހައްމަދު ހޮވުނުއިރު އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ޕޮލިސް ކްލަބްގެ އަލީ ހުޒާމް އެވެ. އަދި އެންމެ މޮޅު ބްލޮކަރަކަށް ޕީކޭގެ ހުސައިން ސައީދު ހޮވުނުއިރު އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޕީކޭގެ އަހްމަދު ނަބީލް އެވެ. އަދި އެންމެ މޮޅު ޑިގާއަކަށް ހޮވުނީ ޕީކޭގެ އަޝްފާގް އާދަމް އެވެ.
ފިރިހެން ޑިވިޝަންގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ޑީއެސްސީގެ އަހްމަދު ފާޒިލް އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޕޮލިސް ކްލަބްގެ ހަސަން ނިލާމް ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕީކޭގެ އިސްމާއިލް ސާޖިދު އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ޕީކޭގެ ކޯޗު އިބްރާހީމް ޝިހާމް އެވެ. ފެއަޕްލޭ ކުޅުންތެރިޔާގެ މަގާމަށް ސިފައިންގެ މުހައްމަދު އަހްސަން ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ޔޫތު ސްޕޯޓްސް އެވެ.
އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ޑީއެސްސީ ސީދާ ތިން ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ވެލޯޒިއާ އެވެ.