09 Nov 2013, 09:25
މިއަހަރު ސެޕްޓެމްބަރު 7ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެނދުނު ވޯޓްލާން ނުކުތް މީހުންނާ އަޅާބަލާއިރު މިއަދު ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފާހަގަ ކުރައްވައިފި އެވެ.
ފުއާދު "ސަން"އަށް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ދުވަހުގެ ހެނދުނު ވޯޓްލާން ނުކުތް މީހުންގެ ނިސްބަތް މަދު ކަމަށެވެ. ނަމަވެސް ނެކްބުކްތައް ބޭނުންކޮށްގެން ވޯޓްލަމުންދާ މީހުންގެ އަދަދު ބަލަމުން ނުދާތީ ކިޔުގައި ތިބި މީހުންގެ އަދަދު ކުރިން ފަހަރު ހޯދުނުހާ ފަސޭހައިން މިފަހަރު ނުބެލޭ ކަމަށް ފުއާދު ވިދާޅުވި އެވެ.
"ކުރިން ފަހަރު ވޯޓްލުން ފެށިއިރު ވެސް ގިނަ ބަޔަކު އޮތް ކިޔުގައި. މިފަހަރު ވޯޓްލާ މަރުކަޒުތަކުގައި ކިޔުގައި ތިބި މީހުންގެ އަދަދު ބެލޭނެ ގޮތެއް ނެތް. ޓީވީތަކުން ފެންނަ މަންޒަރުތަކުން އެބަ އެނގޭ އެއަދަދު މިފަހަރު މަދުކަން،"ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ވޯޓްލާން ދިއުމުގެ ކުރިން އެމީހަކު ވޯޓްލާން ޖެހެނީ ކޮން ފޮއްޓަކަށްތޯ ރަނގަޅަށް ބެލުމަށްފަހު ވޯޓްލާން ކިޔުގައި ޖެއްސުމަކީ މުހިންމު ކަމެއް ކަމަށާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން ކުރިން ފަހަރު ވޯޓްލި ފޮށިތައް މިފަހަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވޯޓްލާން ދިއުމުގެ ކުރިން 1414 އަށް މެސެޖެއް ފޮނުވައިގެން ނަމަވެސް ރަނގަޅަށް މައުލޫމާތު ސާފުކުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގެ ވޯޓްލުން މެންދުރު ފަހު 3:30 ގައި ނިމޭއިރު އެގަޑި ޖެހުމުގެ ކުރިން ވޯޓްލާން ދިއުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށާއި ކެތްތެރިކަމާ އެކު ކިޔުގައި ތިބެގެން ވޯޓްލުން ނިންމާލުމަށް ވެސް ފުއާދު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
"ވޯޓްލާން ދިއުމުގެ ކުރިން ވޯޓްލާން ޖެހެނީ ކޮން ފޮއްޓަކަށްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް. ނުބައި ކިޔުއެއްގައި ޖެހިއްޖެ ނަމަ އެތައް ވަގުތެއް އެބަ ގެއްލޭ،" ފުއާދު ވިދާޅުވި އެވެ.