ދިޓީވީ ހިންގާ އިމާރާތަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ދިރިއުޅުއްވާ ގ. ދޫވެއްސަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ދިޓީވީ ހިންގާ އިމާރާތަށް މިރޭ މެންދަމު 1:00 ހާއިރު ހަމަލާދިނުމަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ސައިކަލުގައި އައިސް ހުޅުހިފާ ޒާތުގެ އެއްޗެއް އަޅާފައިވާ ފުޅިއެއް ކަހަލަ އެއްޗެއް އެއްލާފައިވާ ކަމަށެވެ. ދިޓީވީ އާއި ދިމާއަށް ރޯކޮށްލާފައި އެއްލި އެތި ދި ޓީވީ އިމާރާތުގެ ބިއްލޫރިގަނޑުގައި ޖެހި އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ ސައިކަލުތަކެއްގެ ކައިރިއަށް ވެއްޓުނު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޔާމިން ދިރިއުޅުއްވާ ގ. ދޫވެހި ގެއަށް ހަމަލާދޭން އުޅުނީ މިރޭ މެންދަމު 1:15 ގައި ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ވެސް ހުޅުހިފާ ޒާތުގެ އެއްޗެއްގައި ރޯކޮށްލުމަށްފަހު އެއްލައި އެ ގެއަށް ހަމަލަދޭން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދޫވެއްސަށް ރޯކޮށްލާފައި އެއްލި އެތި ނިއްވާލާފައި ވަނީ އެ ވަގުތު އެގޭދޮށުގައި ޑިއުޓީއަށް ތިބި ފުލުހުނެވެ.

ފުލުހުން ބުނީ އެގެއަށް ވެސް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ ސައިކަލެއްގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ކަމަށެވެ.

އެ ދެ ހަމަލާ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާއިރު އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.