08 Nov 2013, 22:50
ނޮވެމްބަރު 11ގެ ފަހުން މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި ކުރުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.
އިންތިޚާބު ކުރަން ޖެހޭ ތާރީޚަށް ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރަން ޖެހޭނެ ކަމަށް މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުވި ސިޓީފުޅަކާ ގުޅިގެންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ހުކުމް އިއްވަންދެން މަޖިލީހުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ލޯޔަރު ވައްޑޭ އެދިވަޑައިގަތީ މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. ވައްޑޭ ވިދާޅުވީ މަޖިލީހުން ފާސްކުރީ ކޮން އެއްޗެއް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.
"އެއީ ގަރާރެއް ނޫން. އެއީ ފާސްކުރި ގާނޫނެއް ނޫން. އެއީ ގާނޫނު އަސާސީ އަށް ގެނައި އިސްލާހެއް ނޫން. އެއަށް ކިޔާ ނަމެއް ހޯދަ ހޯދާ އަޅުގަނޑަށް ނުފެނުނު،" ވައްޑޭ ވިދާޅުވި އެވެ.
މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ވައްޑޭގެ ގާނޫނީ ވަކީލު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވުނަސް މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް މަގާމުގައި ދެމިހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅައި ހުކުމް ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމާއި އެތަނުގެ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެމްބަރުން ހިމެނޭގޮތަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ އެ ނިންމުމަކީ ހުށަހެޅި އިރު ވެސް އަދި ފާސްކުރި އިރުވެސް ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.