08 Nov 2013, 20:55
މި ހިނގާ ނޮވެންބަރުގެ މަހުގެ 5 ވީ އަންގާރަ ދުވަހަކީ ދެކުނު އެފްރިކާއަށް ތާރީޚީ ދުވަހެކެވެ. އެ ދުވަހު އެ ގައުމުގެ ކޯޓަކުން ވަނީ ނަސްލީ އިމްތިޔާޒުގެ އައު ދައުރަކަށް ގައުމު ގެންދާން، މީގެ ދިހަވަރަކަށް އަހަރު ކުރީން، ރޭވުންތަކެއް ރޭވި ޖަމާއަތެއްގެ އިސް ލީޑަރުންގެ މައްޗަށް ހުކުމް ކޮށްފައެވެ.
ދެކުނު އެފްރިކާގެ އެއިރުގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަ ކޮށްލައި، ދޮން މީހުންގެ އަސްކަރީ ވެރިކަމެއް އެ ގައުމުގައި އަލުން ގާއިމު ކޮށް، ގައުމުގެ 40 މިލިއަން ކަޅު ރައްޔިތުން ޒިންބާބުވޭއަށް، އަދި 1.2 މިލިއަން އިންޑިއާ ދަރިކޮޅުގެ ރައްޔިތުން ދެކުނު އޭޝިއާއަށް ފޮނުވައިލާން ރޭވީ ދޮން މީހުންގެ ކަނާތު ފިޔައިގެ ޖަމާއަތެއް ކަމަށް ވާ ބޯއަރމެގުގެ ލީޑަރުންނެވެ. މި ޖަމާއަތުގެ 21 ލީޑަރަކާ ދެކޮޅަށް ކުރެވުނު ގައުމަށް ޚިޔާނާތްތެރި ވުމުގެ ދައުވާ އާއި، ރައީސް އަވަހާރަ ކޮށްލާން ރޭވި ކަމުގެ ދައުވާ އެމީހުންގެ މައްޗަށް ސާބިތު ވުމާ އެކު، ކޯޓުން ވަނީ އެ އެންމެން ޖަލަށް ލާން ހުކުމް ކޮށްފައެވެ. 5 އަހަރުން ފެށިގެން 35 އަހަރުގެ މުއްދަތާ ދެމެދުގެ ޖަލުހުކުމްތައް އެމީހުންގެ މައްޗަށް ވަނީ އިއްވިފައެވެ. 35 އަހަރުގެ ޖަލުހުކުމް އައީ ޖަމާއަތުގެ ލީޑަރާއި، ޖަމާއަތުގެ ބޮން ސްކޮޑުގެ ހަތަރު މެންބަރުންގެ މައްޗަށެވެ.
ބޯއަރމެގް ޖަމާއަތަކީ، ދޮން މީހުންގެ ނަސްލީ މަތިވެރިކަމުގެ ފިކުރު ގެންގުޅޭ ޖަމާއަތެކެވެ. އެ ޖަމާއަތުގެ ލީޑަރުންނާއި ނަގާކިޔާ މެންބަރުންގެ ތެރޭގައި ހިމެނެނީ ކިޔަވައިގެން ތިބި، ތަޖުރިބާކާރު މީހުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި، އިންޖިނޭރުންނާއި، އަސްކަރީ ތަޖުރިބާކާރުން ހިމެނެއެވެ. މި ޖަމާއަތަކީ ދެކުނު އެފްރިކާގެ ދޮން މީހުންގެ ތެރޭގައި ހިމެނޭ އެފްރިކާނަރ މީހުންގެ ތެރެއިން އުފެދިފައި ވާ ޖަމާއަތެކެވެ. އެފްރިކާނަރ މުޖުތަމައަކީ ދެކުނު އެފްރިކާ އިސްތިއުމާރު ކުރި ޑަޗް މީހުންނާއި ޖަރުމަން މީހުންނާއި ފަރަންސޭސީންގެ ދަރިފަސްކޮޅެވެ.ދެކުނު އެފްރިކާގައި އެމީހުންގެ ނިސްބަތަކީ 7 އިންސައްތައެވެ. އެމީހުން ވާހަކަ ދައްކާ ބަހަކީ ޑަޗް، ޖަރުމަން، އަދި ފަރަންސޭސި ބަސް އެކުވެގެން އުފެދިފައި ވާ "އެފްރިކާނަރ" ބަހެވެ. އެ ބަހުގެ ލަފުޒެއް ކަމަށް ވާ "ބޯއަރމެގް" ގެ މާނައަކީ "ދޮން މީހުންގެ ބާރު" މިއެވެ.
ބޯއަރމެގް ޖަމާއަތުގެ ލީޑަރުންގެ މައްޗަށް މި ދިޔަ ހަފުތާގައި ހުކުމް ކުރެވުނު ނަމަވެސް، އެމީހުންނާ ދެކޮޅަށް ކުރެވުނު ދައުވާތައް ސާބިތު ވާ ކަމަށް ކޯޓުން ވަނީ މިދިޔަ އަހަރު ކަނޑައަޅައިފައެވެ. ދެކުނު އެފްރިކާގެ ތާރީޚު ދުށް އެންމެ އަގު ބޮޑު މި ގަޒިއްޔާ ފެށިގެން ނިމުމާ ހަމަޔަށް ވެއަތު ވެގެން ދިޔަ 10 އަހަރުގެ ތެރޭގައި، ގަޒިއްޔާގެ އެކިއެކި ޚަރަދުތަކަށް 100 މިލިއަން ރޭންޑް، ނުވަތަ 9.8 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ވެފައި ވާނޭ ކަމަށް ލަފާ ކުރެވެއެވެ. މި ގަޒިއްޔާ އަކީ ދެކުނު އެފްރިކާގައި ދޮން މީހުން ކުރީން ގާއިމު ކޮށްފައި އޮތް ނަސްލީ އިމްތިޔާޒުގެ ދައުލަތް އުވި ދިޔުމަށް ފަހު، ގައުމަށް ޚިޔާނާތްތެރި ވުމުގެ ދައުވާ އެއްވެސް ފަރާތަކާ ދެކޮޅަށް އުފުލުނު ވެސް ފުރަތަމަ ފަހަރެވެ.
ނަސީބުވެރި އިއްތިފާގު
ޕްރިޓޯރިއާގެ ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވާގޮތުން، ބޯއަރމެގް ޖަމާއަތުގެ މީހުން ވަނީ، ނަސްލީ އިމްތިޔާޒަށް ފަހު ނެލްސަން މަންޑޭލާގެ ރިއާސަތުގެ ދަށުގައި ދެކުނު އެފްރިކާގައި އަލަށް އެކުލަވައިލެވުނު ސަރުކާރު ވައްޓައިލާން އެތައް އަހަރެން ވާންދެން ރާވައިފައެވެ. މި ރޭވުންތަކަށް އަމަލީ ސިފަ ގެންނާން ކަނޑައެޅުނު ތާރީޚަކީ 2002 ވަނަ އަހަރެވެ. އެ އަހަރުގެ ތެރޭގައި، ލިމްޕޯޕޯ ފަރުވިންސުގެ މަދަރުސާއަކަށް މަންޑޭލާ ކުރެއްވި ޒިޔާރަތަކާ ދިމާކޮށް، އޭނާ އަވަހާރަ ކޮށްލާން އެ ޖަމާއަތުގެ ލީޑަރުން ރޭވިއެވެ. އަދި މަންޑޭލާ މަދަރުސާއަށް ވަޑައިގަންނަވާން ހަމަޖެހިފައި އޮތް މަގުގައި ބާރުގަދަ ބޮންތަކެއް ހަރު ކުރިއެވެ. އެ މީހުންގެ ރޭވުމަކީ، ބޮންތައް ގޮއްވައިލައިގެން މަންޑޭލާ އަވަހާރަ ކޮށްލައި، ދެން ގައުމުގައި އުފެދޭ ހަމަނުޖެހުންތަކާއި ކޯޅުންތަކުގެ ފައިދާ ނަގައިގެން، ދޮން މީހުންގެ އަސްކަރީ ވެރިކަމެއް އަލުން ގާއިމު ކުރުމެވެ.
މި ރޭވުން ނާކާމިޔާބު ވެގެން ދިޔައީ، އެންމެ ފަހު ވަގުތު، އެއްގަމު މަގުން ދަތުރު ކުރެއްވުމުގެ ބަދަލުގައި، މަދަރުސާ ހުރި ސަރަހައްދަށް ވައިގެ މަގުން ހެލިކޮޕްޓަރެއްގައި ވަޑައިގަންނަވާން މަންޑޭލާ ބޭނުންފުޅު ވެ، އެގޮތަށް ކަންތައް ކުރެއްވުމުންނެވެ. އެހެންކަމުން، މަގުގައި ހަރު ކުރެވުނު ބޮންތަކުގެ ފައިދާއެއް ނުކުރިއެވެ. އަދި މަންޑޭލާ އަވަހާރަ ކޮށެއް ވެސް ނުލެވުނެވެ. އެހެންކަމުން، ދެކުނު އެފްރިކާގެ "ޑިމޮކްރަސީ" ގެ ކުރިމަގު ސަލާމަތް ވީ ނަސީބުވެރި އިއްތިފާގަކުން ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.
"މަންޑޭލާ އެ ދުވަހު ހެލިކޮޕްޓަރުގައި ދަތުރު ނުކުރައްވައި، ކުރީން ހަމަޖެހިފައި އޮތް ގޮތަށް ކާރުގައި ދަތުރު ކުރެއްވި ނަމަ، އޭނާ އަވަހާރަ ކޮށްލެވުނީސް." ޕްރިޓޯރިއާ ހައިކޯޓުގެ ފަނޑިޔާރު އީބެން ޖޯރޑާން އިއްވެވި ހުކުމުގައި ވެއެވެ. އަދިވެސް އޭނާ ވިދާޅުވެފައި ވަނީ "ބޯއަރމެގްގެ ރޭވުންތައް ކާމިޔާބު ވި ނަމަ ގައުމުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުންތައް ހިނގާން ފެށީސް" ކަމަށާއި، "ބޯއަރމެގްގެ މަގުސަދަކީ ދެކުނު އެފްރިކާގެ ޑިމޮކްރަސީ ހަލާކު ކޮށްލުން" ކަމަށެވެ.
ދޮން މީހުންގެ ޝަކުވާތައް
ބޯއަރމެގް ޖަމާއަތުގެ ލީޑަރުންގެ މައްޗަށް ޝަރީއަތް ކުރެވި، ޖަލުހުކުމްތަކެއް އިއްވިފައި ވާ އިރު، ދެކުނު އެފްރިކާގެ ދޮން މީހުންގެ މުޖުތަމައުގެ ހަމްދަރުދީ އޮތީ އެ ޖަމާއަތާ އެކު ކަމަށް ވެއެވެ. ދޮން މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މަގުތަކަށް ނުކުމެ، ކޯޓުގެ ހުކުމާ ދެކޮޅަށް އަޑު އުފުލައިފައެވެ.
ހުކުމް ކުރެވުނު މީހުންގެ އާއިލާތަކުގެ މެންބަރުން ވެސް ވަނީ އެމީހުންގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. "ވަރަށް ގިނަ ބަޔަކު މި ހުކުމާ ގުޅިގެން އެތިބީ ރުޅި އައިސްފައި. ޚާއްސަކޮށް، ދެކުނު އެފްރިކާގައި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ކަންބޮޑު ވާ މީހުން އެތިބީ ރުޅި އައިސްފައި. ދެކުނު އެފްރިކާގައި މިހާރު ކަންކަން ހިނގަމުން ދާ ގޮތޭ މި ބުނަނީ، ދޮން ދަނޑުވެރީންނާ ދެކޮޅަށް މިހާރު ދެވެމުން ދާ ހަމަލާތައް." ހުކުމް ކުރެވުނު ބޯއަރމެގް ލީޑަރެއްގެ އަންހެން ދަރިފުޅު ލޮރެއިން ޑޫ ޓޮއިޓް، 22 އަހަރު، އަލްޖަޒީރާގެ މުރާސިލާ ވާހަކަ ދައްކަމުން ބުންޏެވެ.
"ކޯޓުގެ ހުކުމާ ގުޅިގެން އަހަންނަށް އެތައް އިރެއް ވާންދެން ރޮވުނު. ވަށައިގެން ކަންތައްތައް ހިނގީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެ. އަހަރެންގެ ބައްޕަ 35 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ. 2003 ވަނަ އަހަރު ހައްޔަރު ކުރެވުނު ގޮތަށް، މިއަދާ ހަމަޔަށް ޖަލުގައި ބައްޕަ އާއި އޭނާގެ އެކުވެރީން އެ ތިބީ. އަހަރެމެން ހީކުރީ މިއޮތް ހުރިހާ ދުވަހު ޖަލުގައި އޮތީތީ، ބައްޕަގެ ހުކުމް 5 ވަރަކަށް އަހަރަށް ވުރެ ބޮޑު ނުވާނޭ ކަމަށް." ލޮރެއިން އިތުރަށް ބުނެފައި ވެއެވެ.
އަނިޔާވެރިކަން؟
މި ދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، ޕްރިޓޯރިއާގެ ދޮން މީހުން ވަނީ "ރަތް އޮކްޓޯބަރު" ގެ ނަމުގައި މުޒާހަރާއެއް ބާއްވައިފައެވެ. މި މުޒާހަރާ ބޭއްވިފައި ވަނީ ދޮން ދަނޑުވެރީންތަކެއް މަރައިލެވުނު ހާދިސާތަކަކާ ގުޅިގެންނެވެ. މުޒާހަރާ އިންތިޒާމު ކުރި ފަރާތުން ބުނި ގޮތުގައި ދެކުނު އެފްރިކާގެ "ކަޅު ސަރުކާރުން" ދޮން މީހުންނާ މެދު ކަން ކުރަމުން ގެންދަނީ އަނިޔާވެރިކަމާ އެކުގައެވެ. މިހާރުގެ ސަރުކާރުން ދޮން މީހުންނާ ދެކޮޅު ނަސްލީ އިމްތިޔާޒެއް ތައާރަފު ކުރަމުންދާ ކަމަށް ވެސް އެމީހުން ތުހުމަތު ކުރިއެވެ. "ރަތް އޮކްޓޯބަރު" މުޒާހަރާގެ ބައިވެރީން ވެސް ވަނީ "ދޮން މީހުންގެ ނަސްލު ނެތި ކޮށްލުމުގެ ހަރަކާތް ހުއްޓައިލާ!" ފަދަ ޝިއާރުތައް ލިޔެވިފައި ވާ ބޯޑުތަކާއި ފޮތިތައް ގެންގުޅެފައެވެ.
"ރަތް އޮކްޓޯބަރު" މުޒާހަރާ އިންތިޒާމު ކުރި ފަރާތާއި، އެ މުޒާހަރާއަށް ތާއީދު ކުރާ ދޮން މީހުންގެ މުހައްރިކުންނާއި ލީޑަރުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާއާ ވަކި ދައުލަތެއްގެ ވާހަކަ ނުސީދާ ގޮތްގޮތަށް ދައްކާން ފަށައިފައެވެ. އެފަދަ އެއް މުހައްރިކަކީ، އެފްރިކާނަރ މުހައްރިކު، އަދި މަޝްހޫރު ލިޔުންތެރިޔާ ޑޭން ރޫޑްޓެވެ.
ރޫޑްޓް ބުނާ ގޮތުގައި، ދެކުނު އެފްރިކާގެ ދޮން މީހުންގެ މުޖުތަމައުގެ ތެރޭގައި ޝަކުވާތަކާއި ހިތްހަމަނުޖެހުން އުފެދިފައި ވާ އެންމެ ބޮޑު އެއް ސަބަބަކީ ދޮން ދަނޑުވެރީން މެރުމުގެ ހާދިސާތަކެވެ.
ދެކުނު އެފްރިކާ އަކީ ދުނިޔޭގައި ގަތުލުގެ ރޭޓު އެންމެ މަތީ އެއް ގައުމެވެ. ކްރިސްޓިއަން ވެރިކަމެއް ކުރާ، އަދި 79.8 އިން ސައްތަ ކްރިސްޓިއަން އާބާދީއެއް އޮންނަ ގައުމެއް ކަމަށް ވާ ދެކުނު އެފްރިކާ އަކީ އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ، އުފެއްދުންތެރި ގައުމެކެވެ. ގައުމުގެ ޖީޑީޕީ 596 ބިލިއަން ޑޮލަރުގައި ހުރި އިރު، އަދި ޖީޑީޕީން ބޮލަކަށް ޖެހޭ މިންވަރު 11525 އެމެރިކާ ޑޮލަރުގައި ހުރި އިރު، އެ ގައުމުގައި ކޮންމެ ދުވަހަކު އެވްރެޖު ކޮށް 45 މީހަކު މަރައިލެވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކަޅު މީހުންނެވެ. މިހާތަނަށް، ދޮން މީހުންނާ ދެކޮޅަށް ރޭވިގެން ގަތުލުގެ ހާދިސާތަކެއް ހިންގޭ ކަމުގެ ހެކިތަކެއް ފެންނާކަށެއް ނެތެވެ. ދެކުނު އެފްރިކާގެ ދޮން މީހުންގެ އިގްތިސާދީ ހާލަތަށް ބަލާ އިރު، ދޮން އާއިލާއެއްގެ އެވްރެޖް އާމުދަނީ މިހާރު ވެސް އުޅެނީ، ކަޅު އާއިލާއެއްގެ އެވްރެޖް އާމުދަނީއަށް ވުރެ ހަ ގުނަ ބޮޑުކޮށެވެ.
ނަމަވެސް ރޫޑްޓް ދެކޭގޮތް ތަފާތެވެ. އޭނާގެ ނަޒަރުގައި، މަރު ވާ މީހުންގެ ތެރޭގައި ދޮން މީހުން ހިމެނުމަކީ، ކަޅު މީހުން ދޮން މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒެއް ފަށައިފި ކަމުގެ ހެއްކެކެވެ. "އެފްރިކާނަރ ދަރިކޮޅުގެ މީހުންނަކީ ދެކުނު އެފްރިކާގެ އައު ނިޒާމުގެ އަނިޔާވެރިކަމުގެ ރަހަ ދެކޭން ޖެހޭ މަޒުލޫމުން." އަލްޖަޒީރާގެ މުރާސިލަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުންޏެވެ. އޭނާ ދެކޭ ގޮތުގައި، އެފްރިކާނަރ ދަރިކޮޅުގެ މީހުންގެ ހާލަތު މިދިޔަ 10 އަހަރުގެ ތެރޭގައި އައީ ދުވަހެއް ދުވަހަކަށް ދަށަށެވެ.
ދެކުނު އެފްރިކާގެ "ކަޅު ސަރުކާރުން" އެ ގައުމުގެ ދޮން މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ދައުރެއް ފަށާން އުޅޭ ކަމަށް ޑޭން ރޫޑްޓް ގަބޫލު ކުރި ނަމަވެސް، އޭނާ ބުނާގޮތުން އޭނާ ބޯއަރމެގް ޖަމާއަތުގެ ސިޔާސަތުތަކަށް ތާއީދެއް ނުކުރެއެވެ. އޭނާ އެ ޖަމާއަތުގެ މީހުން ސިފަ ކުރަނީ "ބޯ ގޮވައިފައި ތިބި މަޖުނޫނުންތަކެއް" ގެ ގޮތުގައެވެ.
އިންޒާރު
ދޮން މީހުންގެ ބައެއް ޖަމާއަތްތަކުން މިހާރު ގެންދަނީ، ދާދި އަވަހަށް "ދޮން މީހުންނާ ދެކޮޅަށް ދެކުނު އެފްރިކާގެ ކަޅު މީހުން އަރައިގަނެ، ދޮން މީހުންގެ މައްޗަށް ގިޔާމަތެއް ގެންނާނެ" ކަމުގެ އިންޒާރު ދެމުންނެވެ. އެފަދަ އެއް ޖަމާއަތަކީ "ސުއިޑްލޭންޑަރޒް" ގެ ނަމުން މަޝްހޫރު ވެފައި ވާ ޖަމާއަތެކެވެ. މިއީވެސް ދޮން މީހުންގެ ނަސްލީ މަތިވެރިކަމުގެ ފިކުރަށް ތަބާ ވާ، ކަނާތު ފިޔައިގެ ޖަމާއަތެކެވެ. މި ޖަމާއަތުގެ ފަރާތުން ވަނީ، "ގިޔާމަތެއް" ލައިގަންނަ ހާލަތުގައި، ރައްކައުތެރި ވުމުގެ ގޮތުން، ދޮންމީހުން ގައުމުން ބޭރު ވެގަތުމުގެ ޝާމިލް ޕްލޭނެއް ވެސް އެކުލަވައިލައިފައެވެ.
އަލްޖަޒީރާގެ މުރާސިލާ ވާހަކަ ދައްކަމުން، ސުއިޑްލޭންޑަރޒްގެ ލީޑަރު ގުސްޓާވް މުލަރ ބުނެފައި ވަނީ "އެންމެ ނުބައި ހާލަތެއް އަންނަ އިރު، ކަޅު މީހުންތައް ބައި ހަދައިފައި އަހަރެމެން ދޮން މީހުންނާ ދެކޮޅަށް އުތުރިގަނެ، ދޮން މީހުންގެ ނަސްލު ނެތި ކޮށްލުމަށް ޓަކައި ބޮޑު ގަތުލުއާއްމެއް ހިނގާނެ" ކަމަށެވެ. "ހާލަތު މި ދަނީ ދުވަހެއް ދުވަހަކަށް ގޯސް ވަމުން. ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް އަކަށް، މި ތަނުގައި ހެޔޮ ވެރިކަމެއް ގާއިމެއް ނުކުރެވުނު. އަދި ކަންތައްތައް އިސްލާހުގެ މަގަށް މިސުރާބު ހިފާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތް." އޭނާ އިތުރަށް ބުންޏެވެ.
ސުއިޑްލޭންޑަރޒްގެ ފަރާތުން ވަނީ ދެކުނު އެފްރިކާގެ އެތަންމިތަނުން، ދަނޑުވެރި އެތައް ބިމެއް ވެސް ހޯދައި އެމީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައެވެ. ގުސްޓާވް މިލަރ ބުނިގޮތުގައި، ކަޅު މީހުން ދޮން މީހުންނާ ދެކޮޅަށް އުތުރިގަންނަ ދުވަހަކު، މި ތަންތަން، ދޮން މީހުންނަށް ޚާއްސަ ރެފިއުޖީ ކޭންޕުތަކެއްގެ ގޮތުގައި، އަދި ދިފާއީ ހަރަކާތްތައް ހިންގާ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.
ދޮން މީހުންގެ ތެރޭގައި ތިބި ހަރުކަށި މީހުންގެ ވިސްނުން މިހެން ހުރި އިރު، ދެކުނު އެފްރިކާގައި ނަސްލީ ކުރިމަތިލުމެއް އަލުން އުފެއްދުމަށް މަސައްކަތްތަކެއް ކުރެވުމުގެ އިހުތިމާލު ވަރަށް ބޮޑު ކަމަށް، ޖޮހަނެސްބާރގުގެ "އިންސްޓިޓިއުޓް އޮފް ރޭސް ރިލޭޝަންސް" ގެ ތަޖުރިބާކާރު ފްރާންސް ކްރޯންޔީ ވެސް ދެކެވަޑައިގަންނަވައެވެ. ކުރީން އޮތް ފަދަ ނަސްލީ އިމްތިޔާޒުގެ ހާލަތެއް ދެން އައުމަކީ މުސްތަހީލު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވަނީ "އެކަނި ސާރިދޯޅުގެ ހާލަތެއް" އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. "އެކަނި ސާރިދޯޅުގެ ހާލަތު" ސިފަ ކޮށްދެއްވަމުން އޭނާ ވިދާޅުވީ "ދޮން މީހުންގެ ނަސްލީ މަތިވެރިކަމުގެ ފިކުރު ގެންގުޅޭ، އާއްމު ދޮން މީހުންގެ ތާއީދެއް ނެތް، ބައިމަދު ވަކި ޖަމާއަތެއްގެ ބަޔަކު ތެދު ވެ، ކަޅު މީހުންނާ ދެކޮޅަށް ހަމަލާތަކެއް ދީ، ދެ ނަސްލުގެ ދެމެދުގައި އަލުން ތަޅާފޮޅުމުގެ ސިލްސިލާއެއް ފައްޓާން މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު" ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިޔަށް އޮތް ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި "ނުހިނގައިފި ނަމަ އަޅުގަނޑު ހައިރާން ވާނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ހާލަތެއްގައި، ލޮރެއިން ޑޫ ޓޮއިޓް ފަދަ އެތައް ބަޔަކު ދެކޭ ގޮތުގައި، އެފްރިކާނަރ ދޮން މީހުންނަކަށް ދެކުނު އެފްރިކާގައި މުސްތަގުބަލެއް ނެތެވެ. "އަހަރެން ވެސް ގަބޫލު ކުރަން، ތިމާ ކުރާ ކަމެއްގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް. އެކަމަކު، އަހަރެންގެ ބައްޕަ އާއި އޭނާގެ އެކުވެރީންގެ ވާހަކަ ދައްކާ އިރު، އަހަރެމެން ބަލަން ޖެހޭ އެފަދަ ބަޔަކު އުފެދުނީ ކީއްވެގެން ކަން ވެސް. އެމީހުން އައީ ކޮންތާކުން؟ އެމީހުންގެ ފިކުރު އައީ ކޮންތާކުން؟ އެކަމާ ވިސްނަބަލަ! މި ގައުމުގެ އެފްރިކާނަރ ދަރިކޮޅުގެ މީހުންނަކަށް، ކުރިމަގެއް ނެތް. މުސްތަގުބަލެއް ނުފެނޭ." ލޮރެއިން ބުންޏެވެ.
މި ހާލަތުގެ ނަތީޖާއަކަށް ވާނީ ކޮން ކަމެއް ބާވައެވެ! ނެލްސަން މަންޑޭލާގެ މަޝްހޫރު ގުރުބާނީން ދެކުނު އެފްރިކާއަށް ގެނެސްދެއްވި "ޑިމޮކްރަސީ" ނެތިގެން ދިޔުން ބާވައެވެ! އަލުން، އައު ވައްތަރެއްގެ ނަސްލީ އިމްތިޔާޒެއް އެ ގައުމުގައި އުފެދުން ބާވައެވެ!