08 Nov 2013, 19:39
ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ޝެޑިއުލްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިމަހުގެ 13 ވާ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެ މައްސަލަ ޝެޑިއުލްކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ޕީޕީއެމްގެ ފަރާތުން އަމަލުކުރާނެ ގޮތެއް ޕާލަމެންޓްރީ ގްރޫޕުން އަދި ނުނިންމާ ކަމަށެވެ.
މުއިއްޒުގެ އިތުބާރުނެތް ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހުން ޖިނާއީ ދައުވާތައް ކޮށްފައިވާ މެމްބަރުން ބައިވެރިވެވަޑައިގެން، އަމިއްލަ މަސްލަހަތު ހިމެނޭ އެފަދަ މައްސަލައެއްގައި ވޯޓު ދެއްވައި ފާސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މުއިއްޒު ވަނީ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޖަވާބުދާރީވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަތް ކަމަށެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްނުކުރާނެ ކަމަށެވެ.