މިއަދު އިރުއޮއްސި 6:00 ފެށިގެން ކުރިއަށް އޮތް ދެ ދުވަހުގައި ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރު ބާއްވާތީ 60 ގަޑިއިރަށް ރިޔާސީ ކެމްޕޭން ހަރަކާތްތައް ހިންގުން މަނާކޮށްފި އެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00އާ ދެމެދު ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއްހިންގުމަކީ މަނާ ކަމެކެވެ.

މާދަމާ އަލުން ބާއްވާ ރިޔާސީ އިންތިހާބަށް ފޯރިގަދަ ކެމްޕޭން ހަރަކާތްތަކަށް ފަހު، ވާދެވެރި ރިޔާސީ ތިން ކެންޑިޑޭޓުން ތަމްސީލު ކުރައްވާ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ މިއަދު އިރުއޮއްސި 6:00 ޖެހުމާއެކު ކެމްޕޭން ހަރަކާތައް ނިންމާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިއަދު އިރުއޮއްސި 6:00އަކުން ފެށިގެން ކެމްޕެއިންގެ ހުރިހާ ހަރަކާތެއް ހުއްޓާލަން ޖެހޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ޖެހިގެން އަންނަ އާދީއްތަ ދުވަހު ދެ ވަނަ ބުރު ބާއްވާތީ، މިއަދު އިރުއޮއްސި 6:00 ފެށިގެން، ހޯމަ ދުވަހުގެ ހެނދުނު 6:00 އަށް ކެމްޕޭން ކުރުމަކީ މަނާ ކަމެކެވެ.

އެހެންކަމުން މިއަދު އިރުއޮއްސުމާއެކު 60 ގަޑިއިރަށް ކެމްޕޭން ކުރުން މަނާވީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ނުކުރިޔަސް، ޖެހިގެން އަންނަ އާދީއްތަ ދުވަހާއެކު މިއަދު އިރުއޮއްސުމާއެކު ކެމްޕޭން ނުކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށެވެ.

ކެމްޕެއިންގެ އެންމެ ފަހު ހަރަކާތްތަކަށް ބަލާ އިރު، އެމްޑީޕީން ވަނީ ގިނަ ބަޔަކާއެކު ރާޅުގަނޑު ސަރަހައްދުން ފެށިގެން މާލޭގެ މަގުތަކުގައި އެމްޑީޕީގެ ދިދަތަކާއި ޕޯސްޓަރުތަކާއި އެ ޕާޓީގެ ކެމްޕޭން ވައުދުތައް ހަރު އަޑުން އުފުލާފަ އެވެ. އެމްޑީޕީގެ ކެމްޕޭން ޕެރޭޑުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެޑައިގެންނެވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއެކު ޕިކަޕްތަކަކާއި ސައިކަލްތަކެއްގައި ޕީޕީއެމުން ވަނީ މާލޭގެ މަގުތަކުގައި ދުއްވާފަ އެވެ. އެގޮތުން އެ ޕާޓީގެ ކެމްޕޭން ވައުދުތަކާއި ރައީސް ނަޝީދާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ލިޔުންތައް ވަނީ އާންމުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ މާލޭގައި ފޯރިގަދަ ހަރާކާތްތަކެއް ވެސް ހިންގާފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ވަނީ ސޯޝަލް ސެންޓަރު ކައިރީ ބޮޑުތަކުރުފާނު މަގުގައި އެ ޕާޓީގެ ޝިއާރުތަކާއި ކެމްޕޭން ލަވަތައް ޖަހައި "ފޯރި ހިއްޕާލާފަ" އެވެ. ނަމަވެސް މާލޭގެ މަގުތަކަށް ނުކުމެ ހިނގާލުމެއް އެ ޕާޓީއަކުން ނުބާއްވަ އެވެ.

އަތޮޅު ތެރޭގައި ވެސް ވަނީ ޕާޓީތަކުގެ ކެމްޕޭން ފޯރި ގަދަވެފަ އެވެ. ސަންގެ ދެ ނޫސްވެރިޔަކު ވަނީ މާދަމާ ބާއްވާ އިންތިހާބަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްވެފަ އެވެ.

ކުޅުފުއްފުށީގައި ހުރި ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ބުނީ އެ ރަށުގައި ވެސް ކެމްޕޭން ހަރަކާތްތައް ޕާޓީތަކުން ފޯރިއާއެކު މިއަދު މެންދުރުފަހުން ފެށިގެން ކުރިއަށް ގެންގޮސް 6:00 ނިންމާލާފައިވާ ކަމަށެވެ. ކެމްޕޭން ހަރަކާތްތައް ކުރިއަށް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި "ވާދަވެރިކަމާއެކުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެމްޕޭން ވެސް މި ނިންމާލީ. މި ސަރަހައްދުގެ ރައްޔިތުންގެ އުންމީދަކީ ވޯޓާއެކު ސުލްހަވެރިކަން ގައުމަށް ވެރިކުރުން،" ސާއިލް ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުރި ސަންގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ބުނީ އައްޑޫގައި ވެސް ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގޮސް ނިންމާލާފައިވާ ކަމަށެވެ. އެ ސިޓީގައި އެމްޑީޕީން ކެމްޕޭން ފޯރި ގަދަކޮށްފައިވާއިރު ޕީޕީއެމާއި ޖޭޕީން ވެސް ކެމްޕޭން ހަރަކާތްތަކެއް ހިންގި ކަމަށެވެ.