ރިޔާސީ އިންތިހާބު ދެވަނަ ބުރެއް އާދީއްތަ ދުވަހު އޮތް ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ މީޑިއާ އޮފިޝަލް މަސްއޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ ރިޔާސީ އިންތިހާބް ދެވަނަ ބުރަކަށް ގޮސްފި ނަމަ އާދީއްތަ ދުވަހު ދެވަނަ ބުރެއް ބޭއްވި ނަމަވެސް އެދުވަސް ބަންދުކުރަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ ދުވަހު ލިބެމުންދާނެ ކަމަށް ވެސް އޭނާ ވިދާދާޅުވު އެވެ.

އިންތިހާބްގައި އެކިއެކި ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަނުންގެ މުވައްޒަފުންގެ އިތުރުން އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަގުތީ ބަޔަކު ކަނޑައަޅައިފަ އެވެ. އެގޮތުން އިންތިހާބްގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުން ވެސް ވަނީ ހިމެނެ އެވެ.

މަސްއޫދު ވިދާޅުވީ އިންތިހާބު އާދީއްތަ ދުވަހު އޮވެއްޖެ ނަމަ އެ ދުވަހު އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުން ވީއްލައިފައިވާ އިރު ވޯޓްލުމަށް އެހެން މުވައްޒަފުންނަށް ކޮންމެ ވަގުތަކު ވެސް ދެވޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އިލެކްޝަނުން ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ އިތުރުން ރާއްޖޭއިން ބޭރުގައި އިލެކްޝަންސްގެ އޮފިޝަލުންގެ ގޮތުގައި 4000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.