ކުޅުދުއްފުށިން: އަހުމަދު ސާއީލު އަލީ

ރިޔާސީ އިންތިހާބުގެ ކަވަރުކުރުމަށް ބޮޑު ތިލަދުންމައްޗަށް (ހއ. އަދި ހދ. އަތޮޅު) އައުމުގެ ކުރިން އިވުނު އަޑުތަކާއި މިހާރު އިވޭ އަޑުތަކާ، ފެންނަ މަންޒަރުތައް މުޅިން ތަފާތެވެ. ކުރިން އަޑުއިވުނީ އިންތިހާބާއި ދޭތެރޭ މިހިސާބުގެ ރައްޔިތުންގެ ހިތްތަކުގައި ޔަގީންކަމެއް ނެތް ވާހަކައެވެ. ނަމަވެސް މިސަރަހައްދަށް އައިސް އެކިރަށްރަށުގެ މަންޒަރުތައް ބަލާލުމުން މިހާރު ބޮޑުތިލަދުންމަތީގެ އަމާޒް ހިފާފައި ވަނީ މާދަމާ އާއި އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިޔަކު ހޮވާ މިކަން ނިންމުމަށްކަން ކަށަވަރުވެ އެވެ.

"ކުރީ ފަހަރު ދެވަނަ ބުރު ބާއްވަން އުޅުނުއިރު، މިރަށުގައި ވެސް މާފޯރިއެއް ނެތް ގޮތަށް ފެނިގެން ދިޔައީ. އެކަމަކު މިހާރު ކެމްޕެއިން ކުރާ ފަރާތްތަކުން ވެސް ވަރަށް ފޯރީގަ ކެމްޕެއިން އެބަކުރޭ، ދެން އާއްމުންގެ ވާހަކަތަކުން ވެސް އެނގޭ އެއްޗަކީ އެމީހުނަށް ވެސް މިފަހަރު ވޯޓުލެވޭކަން ޔަގީންކަން،" އާބާދީގައި 2،000 މީހުންގެ ހިމެނޭ ހއ. ބާރަށުގައި ހުންނަ "ސަން"ގެ މޮނީޓާ އަލީ ޝިޔާޒް ބުންޏެވެ.

ހއ. އަތޮޅުގެ ވަކިވަކި ރަށްރަށަށުގެ ކައުންސިލްތަކަށް ގުޅާލުމުން އެރަށްރަށުގެ ކައުންސިލަރުން ވެސް ހަމަ ވިދާޅުވަނީ އެއް ވާހަކައެކެވެ. އެއީ "މިދިޔަ ފަހަރުތަކާއި ހިލާފަށް މިފަހަރު ވޯޓްލެވޭނެ ކަން ރައްޔިތުންނަށް ޔަގީންވޭ، އަދި މިފަހަރު ވެރިޔަކު ހޮވާނެކަން ވެސް ޔަގީންވޭ،" ކަމަށެވެ.

ހއ. އަތޮޅުގެ ރަށްތަކުގައި ވަރަށް ފޯރިއާއެކު މިހާރުވެސް ކެމްޕެއިންތައް ކުރަމުންދާކަމަށް އެކައުންސިލަރުން ވިދާޅުވި އެވެ.

ވޯޓް ލެވޭ އާބާދީގައި 13،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހއ. އަތޮޅުގެ އިލެކްޝަން ފޯކަލް ޕޮއިޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާދަމާގެ އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެއަތޮޅުގެ ރަށްރަށުން ދަނީ ވަމުންނެވެ. އަދި މިހާރު ވޯޓް ކަރުދާސްތަކާއި އިންތިހާބަށް ބޭނުންވާ ބައެއް ސާމާނުތައް އެކި ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. އަތޮޅުގެ ވެރިކަން ކުރާ ކުޅުދުއްފުށީގައި ވެސް ވަރަށް ފޯރިއާއެކު ކެމްޕެއިންގެ ހަރަކާތްތައް ދަނީ ކުރަމުންނެވެ. ރަށުގެ އެކި ހިސާބުތަކުން ތިން ޕާޓީގެ ކެމްޕެއިން ލަވަތައް އަޑުގަދަކޮށް ޖަހާފައި ހުންނަ އިރު ގިނަ އަދަދެއްގެ ބެނާތަކެއް ވެސް ވަނީ ދަމައިފަ އެވެ. މިރަށުގެ ރައްޔިތުނަށް ވެސް މިހާރު ލިބިފައިވާ ހިތްހަމަޖެހުމަކީ މާދަމާ އާއި އޭގެ އަނެއް ދުވަހުގެ ވޯޓުން ވެރިޔަކު ހޮވޭނެ ކަމުގެ އުންމީދެވެ. މިއަތޮޅުގެ އެހެން ރަށްތައް ވެސް އެފަދަ އެވެ.

"ކުރިން ކެމްޕެއިންތައް އޮތީ ވަރަށް މާޔޫސްކޮށް، އެކަމް މިހާރު މިރަށުގައި ވަރަށް ފޯރިއާއެކު ތިން ޕާޓީން ވެސް އެބަ ކެމްޕެއިން ކުރޭ. ދެން އާއްމުންނާ ވެސް ވާހަކަ ދައްކާލީމަ އެނގޭ އެއްޗަކީ އެންމެނަށް ވެސް އެނގޭ މާދަމާ ވޯޓް ލެވޭނެކަން، އަދި އެންމެ ލަސްވެގެން އާދިއްތަ ދުވަހު ވެރިޔަކު ހޮވޭނެކަން،" ހދ. ކުރިނބީގައި ހުންނަ "ސަން" ގެ މޮނީޓާ އަލީ ވިސާމް ބުންޏެވެ.

މި އަހަރު ރިޔާސީ އިންތިހާބުގައި 15،315 މީހުން ވޯޓް ލާ ހދ. އަތޮޅަށް އިލެކްޝަނަށް ހަމަޖައްސާފައިވާ އިސް އޮފިޝަލް މުހައްމަދު އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް އެންމެ ފުރިހަމަ ގޮތުގައި ވަމުންއަންނަ ކަމަށެވެ. އެގޮތުން މިއަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވަން ޖެހޭ ސާމާނުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެ ލަސްވެގެންވެސް މިއަދު އިރުއޮއްސެންވާއިރަށް ހުރިހާ އެއްޗެއް ފޮނުވާ ނިންމާލެވޭނެ ކަމަށެވެ.

އަމަން ބަލަހައްޓާ ފުލުހުން ބުނީ ރިޔާސީ އިންތިހާބު ހިނގަމުންދާ އިރު އަމަން ބެލެހެއްޓުމަށް ތިލަދުންމަތީ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެބޭފުޅުން އެންމެ ރަނގަޅު ހާލަތަށް ތައްޔާރުވެފައިވާ ކަމަށެވެ.

ތިލަދުންމަތީ ހުރިހާ ރަށެއްގައި ފޯރިއާ އެކު ކެމްޕެއިންކުރާއިރު ސިޔާސީ މާބޮޑު ހަމަނުޖެހުމެއް މިހާތަނަށް މިސަރަހައްދަކު ހިނގާފައެއް ނުވެ އެވެ. މި ސަރަހައްދުގެ އަމާޒް މިފަހަރު ހިފާފައި ވަނީ އަމާން ކަމާއެކު އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އަދި މިފަހަރު ރައީސް ޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށެވެ.