08 Nov 2013, 14:51
ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ސީދާ ތިން ސެޓުން ބަލިކޮށް ކްލަބް ވެލޯޒިއާ ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ވެލޯޒިއާ ކާމިޔާބުކުރީ ފުރަތަމަ ސެޓް 25-16 ދެވަނަ ސެޓް 25-12 އަދި ތިންވަނަ ސެޓް 25-15 އިން ނެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް ވެލޯޒިއާގެ އާއިޝަތު ޝައްފާފު އެވެ.
ޖުމްލަ ފަސް ޓީމު ބައިވެރިކޮށްގެން ލީގު އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތުގެ އެންމެ މޮޅު ސާވާއަކަށް ހޮވުނީ ޑީއެސްސީގެ މާޖިދާ އެވެ. އެންމެ މޮޅު ސެޓަރަކަށް ވެލޯޒިއާގެ ނަސްރާ އިބްރާހީމް ހޮވުނުއިރު އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. އަދި އެންމެ މޮޅު ބްލޮކަރަކަށް ޑީއެސްސީގެ ހައްވާ ސަޚާ ހޮވުނުއިރު އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ވެލޯޒިއާގެ މަރިޔަމް ހަލީމް އެވެ. އަދި އެންމެ މޮޅު ޑިގާއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ މުއީނާ ހަސަން އެވެ.
އަންހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އައިލެންޑް އޯޝަން ކްލަބްގެ އާމިނަތު އަރީޝާ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޑީއެސްސީގެ މަރިޔަމް އަޒީފާ ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލޯޒިއާގެ އާއިޝަތު ޝައްފަ އެވެ.
އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ވެލޯޒިއާގެ ކޯޗު އިބްރާހީމް ރަޝީދު އެވެ. ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމަށް ވެލޯޒިއާގެ ފާތިމަތު ސަމާހް ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ.
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި މިރޭ 9:00ގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭ އެވެ.