އަމާޒަކީ އަންނަ އަހަރު މަދުވެގެން 20000 ވަޒީފާ އުފެއްދެވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނަވައިގެން، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގަ އެވެ. ރައީސް ވިދާޅުވީ މިފަހަރު ސަރުކާރު މުވައްޒަފުންޗ ވަޒީފާ އިން ވަކި ކުރުމުގެ ވާހަކަ ނުދައްކަވާނެ ކަމަށާއި ސީދާ އަމާޒަކީ އަންނަ އަހަރު ތެރޭގައި މަދުވެގެން ވިހިހާސް ވަޒީފާ އުފެއްދެވުން ކަމުގަ އެވެ. އަދި އަމިއްލަ، ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތައް އިތުރު ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެކަން ކުރުމަށް މަގުފަހިވާ ގޮތަށް، އަދި އަމިއްލަފަރާތްތަކަށް ލޯނު ފަހިވާ ގޮތަށް، މިފަހަރުގެ ބަޖެޓުގައި ޖާގަލިބިފައި އޮންނާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި އެލޯނުތައް މެދުވެރިކޮށްގެން އިންޑަސްޓްރީގެ އެކިއެކި ސިނާޢަތްތައް ކުރިއަރުވައި، ޢާންމު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަކީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގެ އެންމެބޮޑު އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ މީގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕަކީ ކޮންމެ އަހަރަކު ވެސް އޮކްސްފަޑް ޔުނިވަރސިޓީއަށް ދެވޭ ސްކޮލާޝިޕެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމުގަ އެވެ. އަދި އެ ސްކޮލާޝިޕަށް ރާއްޖެއިން ހޮވޭ ކުއްޖާ، ހޮވުމުގެ ކަންތައްތައް ގެންދާނީ ހަމަ ސީދާ އެ ޔުނިވަސިޓީގެ ފަރާތުން ކަމަށާއި އެގޮތަށް އެކަން ގެންދިޔުމުން، އިންޞާފާ އެކު އެކަން ކުރެވި، ސީދާ އެންމެ ޙައްޤު ކުއްޖާއަށް އެ ސްކޮލަޝިޕް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައިސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ވިދާޅުވީ އެ ދަތުރުފުޅުގައި ރާއްޖެއަށް އެކި ބާވަތްބާވަތުގެ އިންވެސްޓްމަންޓްތައް ފަހިކުރުމަށްޓަކައި ތަފާތު އެކިއެކި ބޭބޭފުޅުންނާއި ކުންފުނިތަކާއި އަދި އެކި ފަރާތްތަކާ މަޝްވަރާތައް ކުރައްވާނެ ކަމުގަ އެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ދެން އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެކަން ހާމަކުރެއްވި އެވެ.  
ރައީސްގެ ޚިތޯބުގައި ވިދާޅުވީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤްސަދަކަށް ވާންޖެހޭނީ، ކޮންމެ މީހަކީ އެމީހާގެ އަމިއްލަ ދެފައި މައްޗަށް ތެދުވެ އޭނާގެ ހަލާލު މަސައްކަތުން އޭނާގެ އަނބިދަރީން ބެލެހެއްޓޭ މީހަކަށް ހެދުން ކަމަށެވެ.