08 Nov 2013, 13:59
އިސްލާމް އާބާދު (ނޮވެމްބަރު 8): ތާލިބާނުން ދެން ޕާކިސްތާން ސަރުކާރާ އެކު ސުލްޙައިގެ ވާހަކަތައް ކުރިޔަށް ނުގެންދާނެކަން އެޖަމާއަތުގެ ތަރްޖަމާން ޝަހީދުﷲ ޝަހީދު ހާމަކޮށްފި އެވެ.
ސިއްރުތަނެއްގައި ހުރެގެން ރޮއިޓާސް އަށް ދިން ބަޔާނެއްގައި ޝަހީދުﷲ ޝަހީދު ބުނީ ތާލިބާނުންގެ އައު ލީޑަރު މުއްލާ ފަޟްލުﷲ، ޕާކިސްތާން ސަރުކާރާ ސުލްޙައިގެ ވާހަކަތައް ދެއްކުމާ ދެކޮޅު ހަދާކަމުގަ އެވެ. މުއްލާ ފަޟްލުﷲ މިކަމާދެކޮޅު ހަދަނީ ޕާކިސްތާނުގެ އެއްވެސް ސަރުކާރެއްގައި ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމުގެ އިޚްލާސްތެރިކަން ނެތުމުން ކަމަށްޝަހީދުﷲ ބުނެފައިވެ އެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ އައު ލީޑަރަކަށް އެޖަމާއަތުން އިއްޔެ ވަނީ ހަރުކަށި ޚިޔާލުގެ ބޭފުޅެއް ކަމަށްވާ މުއްލާ ފަޟްލުﷲ އިންތިޚާބުކޮށްފަ އެވެ. ފަޟްލުﷲ އިންތިޚާބުކުރީ ތާލިބާނުންގެ ޝޫރާ މަޖިލީހުގެ އަޣްލަބިއްޔަތުންނެވެ. ތާލިބާނުންގެ ކުރީގެ ލީޑަރު ހަކީމުﷲ މަހްސޫދު ވަނީ މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި މަރުވެފަ އެވެ.
ޙަކީމުﷲ މަރާލުމަށް އެމެރިކާ ދިން ޙަމަލާއަކީ ޕާކިސްތާން ސަރުކާރުގެ އެއްބާރުލުން ނުލިބި ދެވޭނެ ޙަމަލާއެއްނޫން ކަމަށް ތާލިބާނުން ބުނެފައިވެ އެވެ. އެހެންކަމުން ހަކީމުﷲ މަރާލީ ސުލްހައިގެ ވާހަކަތައް ދެއްކުމުގެ ނަމުގައި ޕާކިސްތާން ސަރުކާރުން ދަޅަދައްކައިގެން ރޭވި ރޭވުމެއްގެ ދަށުން ކަމަށާއި އަދި ސުލްހައިގެ ދަޅަދެއްކުމުގެ ބޭނުމަކީ ހަކީމުﷲ މަރާލުންކަމަށްވާތީ ޕާކިސްތާން ސަރުކާރާ ސުލްޙައިގެ ވާހަކަ ދެއްކުމުގެ ބޭނުންނެތް ކަމަށް ތާލިބާނުންގެ އައު ލީޑަރު މުއްލާ ފަޟްލުﷲ ދެކޭކަމަށް ވެސް ޝަހީދުﷲ ބުނެފައިވެ އެވެ.
އެމެރިކާއިން ޙަކީމުﷲ މަރާލި މައްސަލާގައި ޕާކިސްތާން ސަރުކާރުން ވަނީ އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރު ޕާކިސްތާނުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށް އިޙްތިޖާޖުގެ ސިޓީއެއް އޭނާއާ ހަވާލުކޮށްފައެވެ. އެމެރިކާގެ އެޙަމަލާއަކީ ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ޕާކިސްތާނުގެ ޚާރިޖިއްޔާ އިން ވަނީ ސިފަކޮށްފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އޮފީހުން ނެރުނު ބަޔާނެއްގައި އެމެރިކާއިން ހަކީމުﷲ މަހްސޫދު މަރާލުމަކީ ޕާކިސްތާނުގައި ސުލްޙަ ގާއިމް ކުރުމަށް ނަވާޒް ޝަރީފުގެ ސަރުކާރުން ކުރަމުންގެން ދިޔަ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ހަރުކަށި ޢަމަލެއް ކަމަށްވެސް ވަނީ ސިފަކޮށްފަ އެވެ.
ތާލިބާނުންގެ ޝޫރާ މަޖިލީހުންވަނީ އެޖަމާއަތުގެ ނައިބު ލީޑަރު ކަމަށް ޚާލިދު ޙައްޤީ ނަމަކަށްކިޔާ ހަނގުރާމަވެރި އަކުވެސް އިންތިޚާބުކޮށްފައެވެ. ތާލިބާނުންނަކީ ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމްކުރުމުގެ ނަމުގައި ތަންތަނުގައި ބޮންގޮއްވައި ކުށެއްނެތް އާންމުން މަރަމުންގެންދާ ހަނގުރާމަވެރި ހަރުކަށި ޖަމާއަތެކެވެ.
ތާލިބާނުންނެކޭ އެއްގޮތަށް އެމެރިކާއަކީ ޑިމޮކްރަސީއާއި އިންސާނީހައްގުތަކާ އަދި ޓެރަރިޒަމާ އިދިކޮޅު ނަމުގައި ޕާކިސްތާނުގެ ވަޒީރުސްތާނަށް ޙަމަލާދީ ކުށެއްނެތް އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާ ހަރުކަށި ދައުލަތެކެވެ. ޕާކިސްތާނުގެ އިތުރުން އެމެރިކާ ގެންދަނީ އަފްޣާނިސްތާނާއި ޢިރާޤާއި ޔަމަނާއި ސޮމާލިޔާފަދަ އިސްލާމީ އެތައް ގައުމަކަށް ވެސް ޙަމަލާދީ އެގައުމުތަކުގެ ކުށެއްނެތް ޢާންމު ރައްޔިތުން ގިނައަދަދަކަށް މަރަމުންނެވެ. (ނޫސްއެޖެންސީތައް)