08 Nov 2013, 13:55
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގދ. ކާޑެއްދޫ އެއާޕޯޓާއި ލ. ކައްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ޓަކައި ދެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.
ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ ވިލާ އެއާއާ އެވެ. އަދި ކައްދޫ އެއާޕޯޓް ތަރަށްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ، އައިލެންޑް އޭވިއޭޝަންއާ އެވެ. އެ ދެ ކުންފުންޏާ ވެސް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ، 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ދެ އެއާޕޯޓް ހިންގުން އެފަރާތްތަކާ ހަވާލުކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުން އޮތީ، މިދިޔަ ބުދަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގެ ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް އެވެ. އަދި ވިލާ އެއާގެ ފަރާތުން އެ އެބަސްވުމުގައި މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ސޮއިކުރެއްވި އިރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރު އަމީން އިބްރާހީމް އެވެ.
ސަރަހައްދީ އެއާޕޯޓްތައް އަމިއްލަފަރާތްތަކާ ހަވާލުކޮށްގެން ހިންގުމަށް އިއުލާން ކުރުމުން އެއިގެ ތެރެއިން ކާޑެއްދޫ އަށް ވިލާ އެއާ އިން އެކަނި ކުރިމަތިލި އިރު ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަންގެ އިތުރުން ޕްރީމިއާ އިކުއިޓީ އިން ކުރިމަތިލި އެވެ. އަދި ކޫއްޑޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން، އެ އެއާޕޯޓް ތަރައްގީ ކުރި، ސިންގަޕޫރުގެ ބޮނަވިސްތާ އިން ކުރިމަތިލި ނަމަވެސް ފަހު ވަގުތު އެ ފަރާތުގެ ހުށަހެޅުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ކާޑެއްދޫ އެއާޕޯޓާއި ކައްދޫ އެއާޕޯޓް ހިންގައި ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވައިލި ބީލަން ކާމިޔާބުކުރި ދެ ފަރާތާ "ލެޓާ އޮފް އިންޓެންޓް" ހަވާލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކާޑެއްދޫ އެއާޕޯޓާއި ކައްދޫ އެއާޕޯޓް ހިންގުމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު އެ ދެތަން ހިންގައިގެން ލިބޭ އާމްދަނީއަށް ވުރެ 40 މިލިއަން ރުފިޔާ އިތުރު ކަމަށެވެ.
"ކައްދޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓް ހިންގައި ބެލެހެއްޓުމަށް ދައުލަތުން އެއާޕޯޓަކަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ އިރު އެއާޕޯޓަކުން ދައުލަތަށް ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް ފަސް މިލިޔަން ރުފިޔާ،" އެ މިނިސްޓްރީން ބުންޏެވެ.