ރާއްޖޭގެ އަތޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ނ. މާފަރާއި ދ. ކުޑަހުވަދޫގައި އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ދެ ފަރާތަކާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް ފަތުރުވެރިކަން ފުޅާކުރުމަށް އަތޮޅުތަކުގައި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މާފަރުގައި އެއާޕޯޓެއް ތަރަށްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާ އެވެ. އަދި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ ރިއޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް "ސަން" އަށް މިއަދު ވިދާޅުވީ، އެ ދެ ކުންފުންޏާ ވެސް އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައި ވާނީ 25 އަހަރު ދުވަހަށް ކަމަށާއި އަދި އެ ފަރާތްތަކުން ކުރާ ހަރަދު ސަބްސިޑައިޒް ކުރުމަށް ޓަކައި، 50 އަހަރަށް ދެ ރިސޯޓް ދޭގޮތަށް ކަމަށެވެ.

"މާފަރާއި ކުޑަހުވަދޫގައި އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އެ ދެ ފަރާތާ ހަވާލުކޮށްފައި މިވަނީ 25 އަހަރު ދުވަހުގެ މުއްދަތަށް. އެ ދެރަށުގައި އެއާޕޯޓް ތަރަށްގީކޮށް ހިންގާ ފަރާތުން ކުރާ ހަރަދު ސަބްސިޑައިޒް ކުރުމަށްޓަކައި ކޮންމެ ބަޔަކަށް ވެސް މިވަނީ ރިސޯޓް ހެދުމަށް ދެ ފަޅުރަށް 50 އަހަރަށް ދޭގޮތަށް އެއްބަސް ވެފައި،" ސާމީ ވިދާޅުވި އެވެ.