ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ދައުރު ނިމޭ އިރު ތިއްބަވާ ވަޒީރުންނަށް ތިން މަހުގެ މުސާރަ ދިނުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާ އިރު، ގިނަ އިނާޔަތްތަކެއް ލިބޭ ކަމަށާއި ވަޒީރުން ވެސް މަގާމު ދޫކުރައްވައި ވަޑައިގަންނަވާ އިރު ކޮންމެ ވެސް ވަރެއްގެ އިނާޔަތްތަކެއް ލިބޭ ގޮތަށް އޮތުމުގެ ބޭނުން ތެރިކަމާ ބެހޭ ގޮތުން ބޭފުޅަކު އެ މައްސަލަ ހުށަހެޅުއްވި ކަމަށެވެ. އަދި އެކަމާ މެދު ހެއްދެވޭނެ ގޮތަކާ ބެހޭ ގޮތުން ވިސްނަވާނެ ކަމަށް ރައީސް ވެސް ވިދާޅުވި ކަމަށެވެ.

އެ ބޭފުޅާ ވިދާޅުވީ ބައެއް ވަޒީރުންނަކީ އަމިއްލަ ކާރު ވެސް ގެންގުޅުއްވާ ބޭފުޅުން ނޫން ކަމަށާއި ކުއްލި އަކަށް ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ސިކިއުރިޓީގެ ގޮތުން ދިމާވެދާނެ މައްސަލަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން ސަރުކާރުގެ ރަސްމީ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވަޒީރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 57،500 ރުފިޔާ އެވެ.