މަޖިލިސް ތެރޭގައި ފިއްލަވައިގެން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނުނެރުއްވައިފި ނަމަ ޕީޕީއެމުން އޭނާ ނެރޭނެ ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

"ނިންމައިފިން" މި ނަމުގައި އެމްޑީއޭ ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މެންބަރަކަށް މަޖިލީހުގެ ތެރޭގައި ފިއްލަވައިގެން ނުހުރެވޭނެ ކަމަށާއި ކޯޓު ހުކުމާ އެއްގޮތަށް އެ މެންބަރު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށެވެ. އެހެންކަމުން މެންބަރު ހާމިދުގެ މައްޗަށް ކުރައްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމަށް ޝާހިދު އޭނާ ޑީޕީއާރުއެސްއާ ހަވާލުނުކޮށްފި ނަމަ ޕީޕީއެމުން އެކަން ކުރާނެ ކަމަށެވެ.

"އަޅުނގަޑުމެންނަށް ކެތްކުރެވޭނީ ވަކިވަރަކަށް. އަޅުނގަޑުމެންނަށް ވަރަށް ފަސޭހަ ޓައި އަޅައިގެން އެތާގަ ތަޅާ ފޮޅާ އިރު އެއީ ނުވާ ކަންތައްތަކެއް ކަމަށް ހަދާފައި ރީތިކޮށް އިނދެލާފައި ގެއަށް އަންނަން. ނަމަވެސް އެކަމާ ކޮންމެވެސް ދުވަހަކުން ރައްޔިތުން ސުވާލުކުރާނެތީ ބުނަން ބޭނުންނުވާ، ކުރަން ބޭނުންނުވާ ކިތަންމެ ކަމެއް އެބަކުރަން. އެގޮތުން އަބްދުﷲ ޝާހިދަށް ހާމިދު އަބްދުލްޣަފޫރު ފުލުހުންނާއި ނޫނީ ސިފައިންނާއި ހަވާލު ނުކުރެވިއްޖެ ނަމަ އަޅުނގަޑުމެން ހާމިދު އަބްދުލްޣަފޫރު އުރާލައިގެން ނަމަވެސް ދިވެހި ފުލުހުންނާ ހަވާލުކުރާނަމޭ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ ގައުމަށް ވެގެންދާނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި ކުށްވެރިން ވައްދައިގެން، ސުޕްރީމް ކޯޓުން މެންބަރު ކަމުން ވަކިކޮށްފައިވާ މެންބަރުން ވައްދަން މަސައްކަތް ކުރާކަން މަހްލޫފު ފާހަގަކުރެއްވި އެވެ.

"ޖަލުގަ އިންނަން ޖެހޭ މީހަކު މިއަދު އަޅުނގަޑުމެންނަށް މަޖިލީހުގެ ގޮނޑީގައި އިންނަތަން އެބަފެނޭ. މިއަދު އެބަފެނޭ 100 ސިފައިން ނޫނީ ހަތިޔާރު ނެތްކަމުގައި ވީނަމަވެސް ބޮޑު ލަޝްކަރެއް ގާއިމުކުރަން މަސައްކަތް ކުރަމުންދާ މަންޒަރު. މިއަދު މި ފެންނަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ހުކުމް ކުރީމާ ވެސް ޖަގަޑާ ހަދައިގެން ވެސް އެމީހުން ވައްދައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން އުޅޭ މަންޒަރު،" މަހްލޫފު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ ގައުމު ދާނީ ވަރަށް ނާޒުކު ފައްތަރަކަށް ކަމަށާއި އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ އަމަލުތަކުން އެކަން އެނގިގެންދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުނަނަށް ފޯރުކޮށްދޭން ޖެހޭ އެތަކެއް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާ ކަމަށެވެ.

"މާލޭގެ ރައްޔިތުން އެ މެޖޯރިޓީ ދިނުމާއި ގުޅިގެން [ސިޓީ ކައުންސިލަށް އެމްޑީޕީގެ މެޖޯރިޓީ ލިބުން] މާލޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެން ގޮސްފަ ވާނެ އެމީހުންނަށް ވެރިކަން ލިބިއްޖެ ނަމަ ކަންތައް ވެގެންދާނީ ކިހިނެއްތޯ؟ ކިރިއާ މިއަދު ވާރޭ ވެހުނަސް ފެނިގެން މިދަނީ މުޅި ފައިތިލަ އާއި އަރައިގެން ހުރި ފައިވާނާ ބޫޓާ އެކު ވެސް ތެއްމައިގެން ހިނގަން ޖެހޭ މަންޒަރު. ކުނި ކޮށީގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ގޮސް މުޅި މާލޭގައި އެއްވަހަކަށް ކުނީގެ ވަސް ފެތުރިގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމަށް ވުރެ އެމްޑީޕީގެ މެންބަރުންނަށް އެބޭފުޅުންގެ ޕާޓީ މުހިއްމު ކަމަށެވެ. އެގޮތުން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކުރިކަމުގެ ތުހުމަތުގައި ހާމިދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެމްޑީޕީން އެކަމާ ދެކޮޅު ހެދި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އެގޮތަށް އަޅުނގަޑުމެން ދެކުނިން ރީކޯ މޫސާ މަނިކު އަދާލަތު ޕާޓީ ނޫނީ ޝޭހުންގެ ފަހަތަށް ނަމާދަށް ނާރާށޭ ބުނުމުން ހީފައި އަތް ޖެހި މަންޒަރު. އެކަމުގެ ސަބަބުން ފެނިގެން ދިޔަ ނަމާދުކުރަން ފެއްޓީމާ ފައިބައިގެން ދާ މަންޒަރު. އެބުނެވެނީ އިސްލާމް ދީނަށް ވުރެ އެމްޑީޕީ މާ މުހިއްމޭ. އަދި އިންތިހާބު ނުބޭއްވި ލަސްވުމުން ޑރ. ޝާހިދު އިންޑިއާގެ ސިފައިން އައިސް ރާއްޖެ ހިފާށޭ ބުނުމުން ވެސް ފެނިގެން ދިޔައީ ވަރަށް ބާރަށް އަތް ޖަހާފަ އެކަމަށް ތާއީދުކުރި މަންޒަރު. މިބުނެވެނީ ގައުމުގެ މިނިވަންކަމަށް ވުރެ ވެސް ގައުމަށްވުރެއް ވެސް ޕާޓީ މުހިއްމޭ،" މަހުލޫފް ވިދާޅުވި އެވެ.