އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައިގެ އަމަލުތައް އިންތިހާއަށް ފުޅާކޮށް އެތައް ސަތޭކަ ބިލިޔަން ރުފިޔާ އިން ރައްޔިތުންނާއި ދައުލަތަށް ޚިޔާނަތްތެރިވެފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާއި އެމްޑީއޭއާ ގުޅިފައިވާ ޕާޓީތަކުން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ނިންމައިފިން" ކެމްޕޭން ޖަލްސާގައި ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ދައުލަތަށާއި ރައްޔިތުންނަށް ވެފައިވާ ޚިޔާނާތުގެ ފައިސާގެ އަދަދު 11 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރާއިރު އެކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓްތަކުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފުރަތަމަ މަސައްކަތްޕުޅު ކުރެއްވި އިރު ނުވަތަ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، އޭރު އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މާކުން އިބްރާހީމް ނައީމް ވަރަށް މުރާލިކަމާ އެކު ވަކި ފިކުރެއްގައި ހުންނަވައިގެން އޯޑިޓް ރިޕޯޓްތައް ނެރުއްވި ނަމަވެސް މިހާރު ނެރޭ އޯޑިޓް ރިޕޯޓް ތަކަކީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ނެރެމުން ގެންދާ އޯޑިޓް ރިޕޯޓްތަކެއް ކަމަށެވެ.

"މާކުން އިބްރާހީމް ނައީމް ރޭގަނޑު ހޭފުޅު ލައްވައި އިންނަވައިގެން، އޮފީސް ފަތިހު ހަތަރެއް ފަހެއް ޖަހަންދެން ހުޅުވައިގެން އިންނަވައިގެން މުވައްޒަފުން ނެރެގެން ކުރެއްވި މަސައްކަތުގައި ފެކްޓަރީއަކުން ތަކެތި އުފައްދާ އުސޫލުން އޯޑިޓް ރިޕޯޓްތައް ނެރުއްވަމުން ގެންދިޔަ ރައީސް މައުމޫން އިންތިޚާބަށް ކުރިމަތިލެއްވި އެންމެ ފަހު ދެ ހަފްތާ ތެރޭގައި. އެރިޕޯޓް ތަކަކީ ކިހާ ބޮޑަކަށް ދިރާސާ ކުރެވިގެން ނެރެފައިވާ ރިޕޯޓް ތަކެއްކަން ތިބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ. "އެކަމަކު މިހާރު ނުކުންނަމުން މިދާ ރިޕޯޓް ތަކަކީ އެއްވެސް ގޮތަކަށް ސިޔާސީ އެއްވެސް ބައެއްގެ އިޝާރާތެއް އަދި އެއްވެސް ބައެއްގެ ހިތްވަރު ލިބުމެއް ނެތި ނުކުންނަ އޯޑިޓް ރިޕޯޓް ތަކެއް،"

ޔާމީނު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ގާތް ބޭބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅަކަށް ކުރައްވާފައިވާ "ހަދިޔާ" ވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުދަމާ ހެދުމަށް ހަރަދުވާނޭ ފައިސާއާ އެއްވަރު ވާނެ ކަމަށެވެ.

"އެގާރަ ހާސް މިލިޔަން ރުފިޔާގެ ވާހަކަ ދައްކާ ކަމަށް ވަންޏާ، އަމީންގެ ޕްރެޒެންޓޭޝަންގައި ވިދާޅުވެ ދެއްވައިފި އަޅުގަނޑުމެންގެ އާންމު ފަރުދުންނަށް ވިސްނޭ ވަރަށް މިއީ ކިހާ މިންވަރެއްކަން. ހަމަ އެންމެ ބޭފުޅަކަށް އޮހިގެންދިޔަ ހަދިޔާގެ އަދަދަށް ބަލާ ކަމުގައިވަންޏާ އެއީ މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިމޭނެ އަދަދުގެ ފައިސާކަން. މިއީ އެންމެ ބޭފުޅަކަށް ހަދިޔާ ކުރެވުނު ފައިސާ،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ، އެގާރަ ހާސް މިލިޔަން ރުފިޔާގެ ޚިޔާނާތުގެ އިތުރުން ދިވެހިންގެ އެއާޕޯޓާއި އަދިވެސް ދައުލަތުގެ އެފަދަ ހަރުމުދާތައް ބޭރު ފަރާތްތަކަށް ދިގުމުއްދަތަކަށް ދޫކޮށްލުމުން ލިބޭނޭ ކަމަށް ބެލެވުނު ގެއްލުމުގެ ފައިސާ ހިމަނައިފި ނަމަ އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ފައިސާގެ އަދަދު އެތައް ސަތޭކަ ބިލިޔަނަކަށް އަރާނޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުގައި މިއޮންނަނީ، ދިވެހި ރައްޔިތުންނަށް، ދިވެހި ދައުލަތަށް ލިބެންވާ ފައިސާ، އެންމެ ރަނގަޅު ގޮތެއްގައި ލިބެންވާ ގޮތަށް ހޯދައިދިނުން ނޫން ގޮތަކަށް ކުރެވޭ ކޮންމެ ކަމަކީ ކޮރަޕްޝަންގެ އަމަލެކޭ. އެގްރީމަންޓެއް ކޮށްގެން އަދި ޓެންޑާއެއް ކޮންގެން މިކަން ކުރެއްވި ނަމަވެސް، ހިނގަހިނގާ ހުރި އެއާޕޯޓެއް ނުވަތަ ހިނގަހިނގާ ހުރި ކުންފުންޏެއް ފައިދާބޮޑު ކުންފުންޏެއްގެ އަތުން އެކަން ނަގާފައި އެހެން ބަޔަކާ ހަވާލުކޮށްގެން އެ ބަޔަކަށް މީގެ ފުރިހަމަ ފައިދާ ލިބޭގޮތަކަށް އެކަން ކުރެއްވުމަކީ ކޮރަޕްޝަންގެ އަމަލެއް،" ޔާމީން ވިދާޅުވި އެވެ.

"އަދި މިހާރު އަޅުގަނޑުމެންނަށް އިވެމުން މިދާ އަޑުތަކަށް ބަލާކަމަށް ވަންޏާ އަޅުގަނޑުމެން އަޑުއަހަން ހުރީ ހަމަ ކަންބޮޑުވާ ފަދަ އަޑުއެހުންތަކެއް. ހޮސްޕިޓަލުން ފެށިގެން އަޅުގަނޑުމެންގެ ޕޯޓުން ފެށިގެން އިންޖީނުގެއިން ފެށިގެން މިހުރިހާ ތަނަކީ ބޭރުގެ ފަރާތްތަކަށް ދޫކޮށްލައްވަން ރައީސް ނަޝީދުގެ ސަރުކާރުގައި ނިންމަވާފައި ހުރި ކަންތައްތައް."

ޔާމީން ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކާ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމުން އޭގެ ނޭދެވޭ އަސަރު ފުރަތަމަ ދުވަސް ކޮޅުގައި ނުފެނުނު ކަމުގައިވީ ނަމަވެސް މުސްތަގުބަލަށް ވިސްނާނަމަ ގުނާ އަދަދު ނުކުރެވޭހާ ބޮޑުވާނެ ކަމަށާއި އަދި އެއިން ލިބެންވާ ފައިދާގެ ބައިކުޅަބައި ވެސް ރާއްޖެ އަށް ނުލިބޭނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދައުލަތަކީ މުއްސަނދި ދައުލަތެއް ނޫން ކަމަށާއި އެހެން ނަމަވެސް ވެރިކަމާ ހަވާލުވާ ފަރާތަކީ އަމާނާތްތެރި ފަރާތެއް ކަމުގައިވާ ނަމަ ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީޕީއެމްގެ މެނިފެސްޓޯގައިވާ ފަދައިން ރާއްޖޭގެ މުއްސަނދިކަން އިތުރު ކުރެވިދާނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވާ ފަދައިން މުއްސަނދިކަން އިތުރުކުރެވޭނޭ ފުރުސަތުތައް އޮތް ރާއްޖެއެއް. އެކަމަކު އެ މުއްސަނދިކަން އިތުރު ކުރެވޭނީ އެ އަމާނާތާ ހަވާލުވާ ފަރާތަކީ ހަގީގަތުގައި ވެސް އަމާނާތްތެރި ވެރިއަކު ކަމުގައި ވަންޏާ. އަދި އަމާނާތްތެރި ރައީސެއްގެ ހިދުމަތް ރައްޔިތުން ގަބޫލުކުރާ ފަދަ ހިދުމަތެއްގެ އަލީގައި އުފެދިފައި އޮތް ޕާޓީއަކުން ނުކުންނަވަރުގެ މީހަކަށް އެމީހަކު ވެގެން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނާ އެކު ޕީޕީއެމްގައި ތިއްބެވި ފަދަ އިލްމީ ގާބިލްކަން ހުރި، އަމާނާތްތެރިކަން ހުރި އަދި ތަޖްރިބާހުރި ބޭފުޅުންތަކެއް ތިއްބެވި ޕާޓީއެއް ޕީޕީއެމް ފިޔަވައި ނެތް ކަމަށާއި އަދި އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރަށް ބަލާލުމުން އައްޑު އަތޮޅު ހިތަދޫއިން ފެށިގެން މާލޭގެ މަގުތަކާ ހަމައަށް ބަލައިލިކަމުގައިވީ ނަމަވެސް ފެންނަން އޮތީ، "ވަޒީފާއެއް ނެތި ބިކަވެގެން އަދި ތަރައްގީ އާއި ތަނަވަސް ކަމުން ބީވެގެން އާމްދަނީ ހޯދުމުގެ ފުރުސަތުން އަމުދުން މަހްރޫމުވެގެން އުޅޭ އެތައް ހާސް ޒުވާނުންނެއް" ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ވޯޓާ ހަމައަށް ދާއިރު ހުރިހާ ޒުވާނުން ވެސް އެފަރާތްތައް ވަޒީފާ އިން މަހްރޫމުކުރީ ކޮން ސަރުކާރަކުންތޯ އަދި ކޮން ރިޔާސީ ކެންޑިޑޭޓެއްތޯ ވިސްނާލަން އެބަ ޖެހޭ ކަމަށެވެ.

"އެގާރަ ބޭފުޅަކަށް ލިބިލެއްވި ފައިސާއަކީ ތިޔަބޭފުޅުންގެ ހައްގު. ދައުލަތަށް ޓެކްސް ނަގަނީ ދައުލަތަށް ފައިސާ ހޯދަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމަށް. ނިޒާމްތައް އުފައްދައިދިނުމަށް. ރާއްޖެ އަށް ބަދުނަސީބު ކަންކަން މި ދިމާވަނީ މިފަދަ ވެރިންނާ އެކު އަޅުގަނޑުމެން ދަތުރުކުރަން ޖެހޭތީ. އެހެން ނަމަވެސް ޑިމޮކްރަސީ އަކީ ރައްޔިތުންގެ ނިންމުން ނިންމާ ގޮތަކުން އެކަމުގެ މަތީގައި ނިޒާމްތައް ގާއިމްކުރެވިގެން ދާދިއުން. އޭގެ ތެރޭގައި އަނިޔާވެރިކަމާއި ހިތްދަތިކަމާ އުފާވެރިކަމާ ކުރިއެރުމާ މުސްތަގުބަލް އުޖާލާކުރުމާ މިކަހަލަ ހުރިހާ ނަތީޖާތަކެއް ހިމެނިގެންދޭ،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށްވާ އިރު، "ދީނާއި ގައުމަށްޓަކައި ވެސް މިފަހަރު މި ނިކުންނަ ތިން ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދެއްވުމަކީ ދިވެހި ރައްޔިތުންގެ ކޮނޑުފުޅުގައި އެޅިފައިއޮތް ވާޖިބެއް" ކަމަށެވެ.

"މި މަސްއޫލިއްތު ނޫފުއްލަވައި ދެން ދިވެހިރާއްޖެ އަށް ދިމާވެދާނޭ ހިތްދަތިކަމާއި ބަދުނަސީބާއި މިކަންތައްކުގެ ޒިންމާ އުފުލަން ސިޔާސީ ޕާޓީތަކުގެ އަދި ސިޔާސީ މީހުންގެ ކޮނޑުގައި އެޅުވުމުގެ ހައްގެއް ދިވެހި ރައްޔިތުންނަށް އޮންނާނޭ ކަމަކަށް އަޅުގަނޑު ނުދެކެން." ޔާމީން ވިދާޅުވި އެވެ.