އާދަޔާ ޚިލާފަށް ބާރުގަދަ ތޫފާނެއް ކަމަށް ވާ ހެއިޔާން، ފިލިޕީންސްގެ އިރުމަތީ ސަރަހައްދުތަކާ ދިމާޔަށް މިސްރާބު ޖަހައިފައި ވާތީ، ތޫފާނުން ރައްކައުތެރި ވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި، ޕެސިފިކް ކަނޑުގައި އުފެދިފައި ވާ ތޫފާން މާދަމާ ފިލިޕީންސްގެ އެއްގަމު ސަރަހައްދުތަކަށް އަރާނެއެވެ. ތޫފާނާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅުތަކުގެ ގޮތުގައި، އިރުމަތީ ފިލިޕީންސްގެ ޝަހަރުތަކުގެ މަދަރުސާތައް ބަންދު ކޮށް، އެތައް ހާސް ބަޔަކު ދަނީ ރައްކައުތެރި ހިސާބުތަކަށް ބަދަލު ކުރެވެމުންނެވެ.

ހެއިޔާންގައި މިހާރު ވައި ޖެހެމުން ދަނީ ގަޑިއަކު 173 މޭލު، ނުވަތަ 278 ކިލޯމީޓަރު ބާރުމިނުގައެވެ.

ފިލިޕީންސްގެ ބަހުން "ޔޮލޭންޑާ" ގެ ނަން ދެވިފައި ވާ ތޫފާނަކީ މި އަހަރު ޕެސިފިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ސައިންސްވެރީން ވަނީ ބުނެފައެވެ. މި ތޫފާނަކީ މި އަހަރުގެ ތެރޭގައި ފިލިޕީންސަށް އަރާ 25 ވަނަ ތޫފާނެވެ.

މީޓިއޮރޮލޮޖިސްޓުން ބުނެފައި ވާ ގޮތުގައި، ތޫފާން ފިލިޕީންސްގެ ސަމާރް އާއި ލެއިޓޭ މި ދެ ޖަޒީރާގެ ސަރަހައްދަށް އެރުމަށް ފަހު، ދެން ދަތުރު ކުރާނީ އުތުރަށް، ދެކުނު ޗައިނާ ކަނޑާ ދިމާޔަށެވެ. ތޫފާން ދަތުރު ކުރާނޭ ކަމަށް ބެލެވޭ މަގުމަތީގައި ވާ ސަރަހައްދުތަކަކީ މިދިޔަ މަހު ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް ތަހައްމަލު ކޮށްފައި ވާ ސަރަހައްދުތަކެކެވެ. 200 މީހުން މަރު ވި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ ޝަހަރުތަކާއި އަވަށްތައް އަދިވެސް ވަނީ ހާލުގައި ޖެހިފައެވެ. އެ ހިސާބުގައި 5000 ވަރަކަށް މީހުން މިހާރު ވެސް ޓެންޓުތަކުގައި ދިރިއުޅެމުން އެބަދެއެވެ.

ފިލިޕީންސްގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ތޫފާން ހެއިޔާން އަރާނޭ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހާއި ދެންވެސް ބޭނުން ވާނޭ އެހީގެ ސާމާނު މިހާރު ވެސް ދަނީ ގެންދެވެމުންނެވެ. އަދި އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ވަނީ، ސިފައިން ބުނާ ގޮތުގައި، އެހީގެ މިޝަންތަކަށް ޓަކައި ތައްޔާރީ ހާލަތަށް ގެނެވިފައެވެ.

ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް މިހާރުވެސް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުން ދާ ކަމަށް ވެސް އެ ސަރަހައްދުތަކުން ލިބޭ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން ފިލިޕީންސަށް އެރި މިފަދަ ތޫފާނަކީ 2012 ވަނަ އަހަރު އެރި ބޯފާ ތޫފާނެވެ. އެ ތޫފާނުގެ ސަބަބުން މަދުވެގެން 1000 މީހުން މަރު ވެ، 1 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވިއެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ ހެއިޔާންގެ ސަބަބުން ވެސް ހަމަ އެހައި ގެއްލުން ވާނޭ ކަމަށެވެ.