03 Dec 2010, 09:16
ވާލްޑް ޓެކްނޮލޮޖީ ނެޓްވާކްގެ ފަރާތުން ކޮންމެ އަހަރަކު ދޭ "ވާލްޑް ޓެކްނޮލޮޖީ އެވޯޑް"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ލިބިވަޑައިގެންފި އެވެ.
ރަޢީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަށް އެ އެވޯޑު ލިބިވަޑައިގަތީ، އާ ޓެކްނޮލޮޖީއަށް މަގުފަހިކުރާ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ 30 ން ޑިސެމްބަރު މަހުގެ އެކަކަށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި "ވޯލްޑް ޓެކްނޮލޮޖީ ސަމިޓް 2010" ނިންމުމުގެ ގޮތުން ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި އެވޯޑާ ހަވާލުވެވަޑައިގަތީ، ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޢަބްދުލްޣަފޫރު މުޙަންމަދެވެ.
ވާލްޑް ޓެކްނޮލޮޖީ އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމިއްޔާތުގައި، ޢަބްދުލްޣަފޫރު މުޙަންމަދު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ސައެންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވެ، ހަކަތައިގެ ރައްކާތެރިކަމާއި ރައްކާތެރި ތިމާވެށްޓެއް ބިނާކުރުމުގައި އިންސާނިއްޔަތުގެ އެންމެ މުހިންމު ވަސީލަތްކަމުގައިވާ ހުނަރުވެރި އަދި ތަޢުލީމީ މީހުންގެ ވިސްނުމާއި ބާރުގައި މުސްތަޤްބަލުގެ އާ ޓެކްނޮލޮޖީތަކާ ދިމާއަށް ދުނިޔެ ގެންދަން ޖެހޭ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
ވާލްޑް ޓެކްނޮލޮޖީ ސަމިޓަކީ، ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކާއި ޖަމާޢަތްތަކާއި، ވަކި ފަރުދުން، އެއްތަނަކަށް ޖަމާވެ، ސައެންސާއި ޓެކްނޮލޮޖީއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަދަލުކުރުމަށް، ވާލްޑް ޓެކްނޮލޮޖީ ނެޓްވާރކުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ސަމިޓެކެވެ.
ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން މި އަހަރުގެ މި އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ، މި ދާއިރާއިން މި އެވޯޑަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވައިގެންނެވެ. މި ދާއިރާއިން މި އެވޯޑަށް ނޮމިނޭޓްވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަރޖީގެ ސެކްރެޓަރީ އޮފް އެނަރޖީ ސްޓީވަން ޗޫއާއި، އެމެރިކާގެ މޭރީލޭންޑް ސްޓޭޓްގެ ގަވަރނަރ މާރޓިން އޯ މެލީއާއި، ނިއުޔޯކްގެ ގަވަރނަރ ޑޭވިޑް ޕެޓަރސަން ހިމެނިވަޑައިގެންނަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑް ލިބިވަޑައިގަތީ، ބައިނަލްއަޤްވާމީ މައިދާނުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސިޔާސަތު ކަނޑައެޅުއްވުމުގައި އެމަނިކުފާނު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އަދި ޚާއްޞަ ގޮތެއްގައި 2020ގެ ކުރިން ރާއްޖެއަކީ، ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ފާހަގަކޮށެވެ.