އިންތިޚާބު ކުރަން ޖެހޭ ތާރީޚަށް ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކުރި ކުރުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ހުށަހެޅުއްވި އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މާދަމާ 3:30 އަށެވެ.

ވައްޑޭ ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީގެ ނަސްއުތަކާއި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވައްޑޭ ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.