07 Nov 2013, 23:12
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަންހެނުންނާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގަޔަށް ވަޅި ހެރި، ވަހީދުގެ އަންހެނުންގެ ބޭބެގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ވަރަށް ފަރުވާކުޑަ ގޮތަކަށް ކަމަށް މެންބަރު ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ވަޅިން ހަމަލާ ދިނުމުގެ އެ ހާދިސާއަށް ފަހު މީޑިއާއާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވަހީދު މިއަދު ބޭއްވި ނޫސް ކޮންފަރެއްސެއްގައި ވަހީދު ވިދާޅުވީ ވަޅިން ހަމަލާ ދިން މައްސަލައަކީ "އާއިލީ ކަންތައްތަކަކާ ގުޅިގެން ހިނގައި ދިޔަ" ކަމެއް ކަމަށް ފުލުހުން ބުނާ ބުނުން އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެ ބީދައިން އެ މައްސަލަ ނަންގަވައިގެން ފުލުހުން އެ މައްސަލަ ބައްލަވަމުން ގެންދަ ވަނީ ވަރަށް ފަރުވާކުޑަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަހީދު ވަނީ އޭނާގެ އަންހެނުން އަދި ދަރިފުޅަށް ހަމަލާދިން އަންހެނުންގެ ބޭބެ އަށް ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ކުޑަކޮށް ޖެހި މައްސަލަ އަށް ޝަކުވާ ވެސް ކުރައްވައިފަ އެވެ. ވަހީދު ވިދާޅުވީ ކުށުގެ ވެށިން ހައްޔަރުކުރާ މީހެއްގެ ބަންދުގެ މުއްދަތަކަށް މަދު ދުވަސްތަކެއް ޖަހައިދިނުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކުށް ކުރާ މީހުންނަށް ކުރަން ޖެހޭ ތަހުގީގެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓުން ތަހުގީގު ކުރުމަށް ޓަކައި މުއްދަތު ޖަހައިދީފައި މިއޮތީ އެންމެ ފަސް ދުވަސް. މީނައާ ދޭތެރޭ ކުރަން ޖެހޭ ތަހުގީގެއް އޮތް ކަމަކަށް ނުދެކެން. އެއީ ގަސްތުގައި ދެ މީހަކު މަރާލުމަށް އުޅުނު އިރު، އެ ސީނުން ވަޅިއާއި ލެޔާ އެކީގައި ފުލުހުން ގެން ދިޔަ. އަޅުނގަޑުމެން އެބަ ދެކެން މާ ކުދި ކުދި ކަންތަކުގައި ގެންދާ މީހުންނަށް 14 ދުވަސް، 30 ދުވަސް ޖަހާތަން،" ވަހީދު ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މީގެ ކުރިން މެންބަރު އީވާ އަބްދުﷲގެ ފިރިކަލުންނަށް ވެސް ހަމަލާދީފައިވާ މީހެއް ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެތައް ފަހަހަރަކު އެމީހުންނަށް މަރުގެ އިންޒާރު އެމީހާ ދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ މައްސަލާގައި އެހެން ބައެއްގެ އަތެއް ވެސްވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އެކަމަކީ އާއިލާ ކަމެއް ކަމުގައިވީ ނަމަވެސް އެއީ ވަރަށް ބޮޑަށް ރާވައިގެން ގެންދިޔަ ކަމެއް. މީނާ ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުން ސާބެ އަށް މަގުމަތިން ހަމަލާދީފައި. އަދި ވަރަށް ގިނަ މީހުން ކައިރީގައި ކިޔަމުންދާ ކަމަށް ވަނީ ސާބެ އާއި އީވާ އާއި ހުސެއިން މަރައެއް ނުލައެއް ނުވާނެއޭ. އެފަހަރު ވެސް ފުލުހުންނަށް ރިޕޯޓު ކުރުމުން އޭނަ ދޫކޮށްލީ،" ވަހީދު ވިދާޅުވި އެވެ.
މެންބަރު ހުސެއިން ވަހީދުގެ ދެމައިންނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކޮމަންޑޫ ދާއިރާގެ މެމްބަރުގެ އަނބިކަނބަލުންގެ އެއްބަޑު އެއްބަފާ ބޭބެ މުހައްމަދު ނަޖާހު، 30، އެވެ. އެ ދެމައިނަށް ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ އިރާކޮޅު އަންހެނުންގެ ގެ ކަމަށްވާ ހ. އަޒުމްގޭގެ ހަ ވަނަ ފަންގިފިލާގަ އެވެ. އަދި މިހާރު ދެމައިންގެ ހާލުވެސް ދަނީ ރަނގަޅުވަމުންނެވެ. އަދި ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ތުއްތު ކުއްޖާ އައިސީޔޫ އިން ނެރެ މިހާރު ރޫމަކަށް ވަނީ ބަދަލުކޮށްފަ އެވެ.
މިއަދުގެ ނޫސްކޮންފަރެންސުގައި ވަހީދުގެ ލޯޔަރު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ މައްސަލައިގެ ތަހުގީގު ނުފެށެނީސް އެ ހަމަލާއަކީ އާއިލީ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ފުލުހުން ސިފަކުރެއްވުމަކީ މައްސަލަ ވަރަށް ލުއި ގޮތަކަށް ގެންދަވާ ކަމުގެ ހެއްކެއް ކަމަށެވެ.