07 Nov 2013, 22:12
ސެޕްޓެމްބަރު ހަތެއްގެ އިންތިހާބު ބާތިލު ކުރުމަށް ފަހު ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގައިވާ ބައެއް ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމް އިން މިހެން ބުނެފައި ވަނީ ގައިޑްލައިންގައިވާ ނުކުތާތައް ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް މަގުފަހިވާނެ ގޮތަށް މާނަކޮށްދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގަ އެވެ.
އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެކޮމިޝަނުން ފޮނުވި ސިޓީގައި އެދިފައި ވާނީ ގައިޑްލައިންގެ ބައެއް ނުކުތާތަކަށް އަލުން ރިއާޔަތްކުރުމަށް ކަމަށެވެ.
"ފުރަތަމަ ބުރު ބާތިލުކުރައްވާ ނެރުއްވި ހުކުމުގައިވާ ގައިޑްލައިންގައި ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް އެޗްއާރުސީއެމް އަށް ފާހަގަކުރެވިފައިވޭ،" އެބަޔާނުގައިވެ އެވެ.
މިގޮތުން ހުރަސް އެޅޭ ކަންކަމަށް އަލުން ރިއާޔަތްކުރުމަށް ސިޓީގައި އެދިފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ އެވެ.
މިގޮތުން ގައިޑްލައިންގެ ފަސް ވަނަ އަދި ނުވަ ވަނަ ނުކުތާގައިވާ ކަންކަމަށް "އިންސާނީ ހައްގުގެ ނަޒަރުން ވިސްނާއިރު ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކެއް ފާހަގަކޮށް" އެނުކުތާތަކަށް ރިއާޔަތްކުރުމަށް އެދިފައިވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ފަސް ވަނަ ނުކުތާއަކީ ވޯޓާސް ލިސްޓަކީ ކެންޑިޑޭޓުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާ ލިސްޓެއް ކަން ކަށަވަރުކޮށް، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް އެނޫން ލިސްޓެއް ބޭނުން ނުކުރެވޭނެ ކަން ކަށަވަރުކުރުމަށް ބުނެފައިވާ ނުކުތާއެކެވެ.
ގައިޑްލައިންގެ ނުވަ ވަނަ ނުކުތާއަކީ ކޮންމެ ދާއިރާއެއްގައި ވެސް ވޯޓުލާ ނިމުމަށް ފަހު ތައްޔާރުކުރާ ރިޕޯޓް ތައްޔާރުކުރާ އިރު، އެދާއިރާއެއްގައި ޕާޓީތަކުން މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވާ މީހުންގެ ހާޒިރުގައި ރިޕޯޓް ތައްޔާރުކުރުމަށް ބުނެފައިވާ ނުކުތާ އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިނަކީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އިން ހުށަހެޅި މައްސަލާގައި، އެއިންތިހާބު ބާތިލުކުރި ހުކުމާ އެކު ނެރެފައިވާ ގައިޑްލައިނެކެވެ.
މިގައިޑްލައިނަކީ ޖުމްލަ 16 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިނެކެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މިގައިޑްލައިންގައިވާ ބައެއް ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.