ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އަންނަ އާދިއްތަ ދުވަހަށް ދެ ވަނަ ބުރު ބާއްވަން ނިންމާފައި ވާތީ، އެ އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މަނިކު ވިދާޅުވީ ދެ ވަނަ ބުރަށް ވޯޓު ކަރުދާސް ޕްރިންޓް ކުރާނީ އިންތިހާބުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންގެ ނަން ހިމަނައިގެން ކަމަށެވެ.

ދެ ވަނަ ބުރަށްދާ ދެ ކެންޑިޑޭޓުން ފުރަތަމަ ބުރު ނަތީޖާ އިން އެނގިގެން ދިއުމުން، އިންތިހާބު ނާކާމިޔާބުވެވަޑައިގަންނަވާ ކެންޑިޑޭޓުގެ ނަން ވޯޓު ކަރުދާހުން ކަނޑާލާނެ ކަމަށް މަނިކު ވިދާޅުވި އެވެ. އެގޮތުން އެ ކެންޑިޑޭޓުގެ ނަން ވޯޓު ކަރުދާހުން ކަނޑާލާނީ "މާކަރަކުން ނުވަތަ އެނޫން ވެސް ގޮތަކަށް" ކަމަށާއި ފާހަގަ ޖަހަން ވޯޓު ކަރުދާސް ލިބޭ އިރު، އެއް ކެންޑިޑޭޓުގެ ނަން އޮންނާނީ ވޯޓު ކަރުދާހުން އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު ކަރުދާސް މިވާ ގޮތުން ދެވަނަ ބުރަކަށް ގޮސްފި ނަމަ، އަޅުގަނޑުމެން މިޗާޕުކުރަނީ ތިން ކެންޑިޑޭޓުންގެ ނަން ވެސް ހިމަނައިގެން. ފުރަތަމަ ބުރުގެ ނަތީޖާ އެނގުމުން އަޅުގަނޑުމެންނަށް އެނގޭނީ އުނިކުރަން ޖެހެނީ ކޮން ކެންޑިޑޭޓެއް ކަން. ވޯޓުލާން ދިއުމަށް ކަރުދާސްކޮޅު ލިބޭނީ މާކަރަކުން ނުވަތަ އެނޫން ގޮތަކަށް ނަމަވެސް އެއް ނަން އުނިކޮށްފައި،" މަނިކު ވިދާޅުވި އެވެ.

ތިން ކެންޑިޑޭޓުންގެ ނަމާ އެކު ދެ ވަނަ ބުރަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ފޮނުވީ ވޯޓު ކަރުދާސް ޕްރިންޓް ކުރަން ގިނަ ވަގުތު ނަގާތީ އެވެ. މަނިކު ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރަން ހަތަރު ދުވަސް ނަގާ ކަމަށާއި ނަމަވެސް "ނޮވެލްޓީ ޕްރިންޓާސް" އިން ދެ ދުވަހުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ވޯޓު ކުރުދާސް ޗާޕުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބުރު ބާއްވާ ހޮނިހިރު ދުވަހުގެ ހަވީރު، ދެ ވަނަ ބުރުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނަށް ލިބެން ފަށާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

ރީ ރެޖިސްޓްރީ ކުރުމަށް މިއަދު ހެނދުނުން ފެށިގެން ހުޅުވާލި ތިން ގަޑިއިރުގެ ފުރުސަތުގެ ތެރޭގައި
1500 ވުރެ ގިނަ މީހުން ދެ ވަނަ ބުރުގައި ވޯޓުލާން ރީ ރެޖިސްޓްރޭޝަނަށް ހުށަހެޅި އެވެ. ދެ ވަނަ ބުރަށް ރެޖިސްޓްރީ ކުރީ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ބަދަލުވި މީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިހާބަށް ފުލުހުންގެ ފަރާތުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެއްވާފައިވާ ކަމަށެވެ.

"ފުލުހުންގެ ފަރާތުން އެއްބާރުލުން ދަނީ ލިބެމުން. އެހެން ނޫނަސް ފުލުހުންގެ ފަރާތުން ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ވަނީ ދެއްވާފައި. ފުލުހުންނާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ވާހަކަތަކެއް މިކަމުގައި ދެކެވިފައިވާ ކަމަށް އަޅުގަނޑަށް އެނގިފައި ވަނީ،" ފުއާދު ވިދާޅުވި އެވެ.

ދެވަނަ ބުރަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރި ކުރުމަށް އިލެކްޝަނުން ވަނީ ލުޔެއް ދައްކާފަ އެވެ. އެގޮތުން ދެވަނަ ބުރުގައި ކެންޑިޑޭޓުން ސޮއި ކުރަން ޖެހޭނީ ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރި ލިސްޓަށް ބަދަލު އަންނަނަމަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ވޯޓުލުމުގެ ހައްލު ލިބިގެންވަނީ 239153 މީހުންނެވެ. ފުރަތަމަ ބުރަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 239105 މީހުންނެވެ. ދެ ވަނަ ބުރަށް އަލަށް ވޯޓު ލެވެނީ 48 މީހުންނަށެވެ.