އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ވޯޓު ކަރުދާސްތަކާއި ވޯޓުލާ މީހުންގެ ލިސްޓްތައް އަދި އެހެނިހެން ލިޔެކިޔުންތައް ހިފައިންގެ ކ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ފުލުހުން ފުރައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:00 ން ފެށިގެން ފުލުހުންގެ އެކިއެކި ފްލީޓް ތަކުގައި އިންތިޚާބުގެ ތަކެތި އުފުލަމުންދަނީ އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތަށް ކަމަށެވެ. އެގޮތުން
ހއ. ހދ. ށ. އަދި ޅ. އަތޮޅަށް ފުރާފައި ވަނީ ޕޮލިސް 17 ނަމްބަރު ލޯންޗު ކަމަށާއި ވ. މ. ތ. ލ. ގއ. ގދ. އަތޮޅު އަދި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓިއަށް ފުރާފައިވަނީ ޕޮލިސް 19 ނަމްބަރު ލޯންޗު ކަމަށް ފުލުހުން ބުންޏެވެ. އަދި ނ. ރ. ބ. ފުރާފައިވަނީ ޕޮލިސް 20 ނަމްބަރު ލޯންޗު ކަމަށާއި ފ. ދ. އއ. އދ. އެ އަތޮޅުތަކަށް ގޮސްފައި ވަނީ އެ އަތޮޅުތަކުގައި މަސައްކަތް ކުރާ ޕޮލިސް ލޯންޗް ތަކުގައެވެ.

މާލެ އަތޮޅާއި ރިޒޯޓުތަކަށް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ހިފައިގެންދާ ލޯންޗްތައް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ލަންޑަނަށް ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރު ފުރާފައި ވަނީ މިއަދު ހެނދުނު 09:05 ގައެވެ. ކޮލަމްބޯގައި ހުންނަ ވޯޓު ފޮށްޓަށް ބޭނުންވާ ކަރުދާހާއި އެހެނިހެން ތަކެއްޗާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރު މާލެއިން ފުރީ މިއަދު 3:40 ގަ އެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ޝެޑިއުލް އަށް އިތުރު ބަދަލެއް ނާންނަނަމަ މިރޭ 8:45 ގައި ސިންގަޕޫރަށާއި މެލޭޝިޔާއަށް ގެންދާ ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ދަތުރުކުރަން ފަށާނެ އެވެ. އަދި މާދަމާގެ ވަގުތުތަކުގައި ދިއްލީއަށާއި ޓްރިވެންޑްރަމް އަށް ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ރޭ ފަތިހުން ފެށިގެން ހުރިހާ އަތޮޅަކަށް ވޯޓު ކަރުދާހާއި އެހެނިހެން ސާމާނާއެކު ފުލުހުން ފުރުމަށެވެ. ނަމަވެސް ކެންޑިޑޭޓުން ސޮއި ކުރުން ލަސްވުވުމުން ކުރިން ރާވާފައިވާ ދަތުރުތައް ކެންސަލްވެ، ވޯޓު ކަރުދާސް އުފުލުން ވަނީ ލަސްވެފަ އެވެ.