ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް)އާ ބެހޭ ގޮތުން ހުށަހެޅި ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް ފަހު ކެޕިޓަލް ހަރަދުކުރުމުގެ ހުއްދަ ޕްރައިވެޓައިޒޭޝަން ބޯޑުން އަލުން ދީފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސްގެ މައްޗަށް ތިލަފުށި ސައިޓްތަކުގައި ތިބޭ ޓެނެންޓުން މިދިޔަ ޖުލައި 29ވަނަ ދުވަހު ހުށަހެޅި ޕެޓިޝަންގައިވާ ކަންތައްތައް އެ ބޯޑުން ބަލާ ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގުގައި ބެލިބެލުން އިލްހާމް ގާނޫނާއި ގަވައިދާ ހިލާފުވާ ގޮތަށް އަމަލުކޮށްފައިނުވާ ކަމަށް އެބޯޑުގެ 20 ވަނަ ޖަލްސާ އިން ނިންމާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެ މައްސަލަ ބަލައި ނިންމުމަށް ފަހު އެ ކުންފުންޏަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުމުގެ ކަންތައްތަކާއި ކެޕިޓަލް ހަރަދުކުރުމުގެ ކަންތައްކުރުމުގެ ހުއްދަ މިދިޔަ މަހުގެ 24ވަނަ ދުވަހު ދީފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު ތަސްދީގުކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރީގައި ވާދަވެރި މާހައުލެއް އުފެއްދުމާއި ވަކި ބައެއްގެ ބާރުގެ ދަށަށް ސިނާއަތްތައް ދިއުން ހުއްޓުވުމާއި މިނިވަން ވިޔަފާރީގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެ އެވެ. އަދި ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުގެ ފަރާތުން މީހުން އައްޔަންކުރުމުގެ ބާރާއި ޕްރައިވެޓައިޒޭޝަންގެ ދަށުން މީގެ ކުރިން ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ކަންކަން ތަހުގީގުކުރުމުގެ ބާރު ވެސް އެ ބޯޑަށް ލިބިދެ އެވެ.

އެ ބޯޑުން ވަނީ ތިލަފުށި ކޯޕަރޭޝަންގެ އެޗްއާރު ޕޮލިސީ، ޕްރޮކިއުމަންޓް ޕޮލިސީ، އެނޫން ވެސް ކުންފުނީގައި އަމަލުކުރަމުން އަންނަ އެންމެހައި ޕޮލިސީތަކާއި މުނިސިޕަލްޓީގެ ލޭބަރުންނަށް ހާއްސަކޮށް އެ ބޭފުޅުން ތިލަފުށީގައި އެކޮމަޑޭޓްކުރުމަށް ތިލަފުށީގައި އިމާރާތެއް އެޅުމަށް ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި އެ ޕްރޮޖެކްޓްގެ ޓެންޑާ ޕްރޮސެސް އާއި ކޮންޓްރެކްޓްކުރުމާއި ގުޅުން ހުރި ލިޔުންތައް އަދި އެ ކުންފުނީގެ ވޭތުވެދިޔަ 12 މަހުގެ މުސާރަ ޝީޓް ގެންގޮސް ތަހުގީގުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް އެ ކުންފުންޏަށް ފާއިތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ވަކިކުރެވުނު މުވައްޒަފުންގެ ވަކިކުރިކަމުގެ ލިޔުމާއި ސަސްޕެންޝަން ނުވަތަ އިންޒާރެއް ދެވިފައިވާ ނަމަ އެކަމާ ގުޅޭ ލިޔުންތަކާއި ކުންފުނީގެ އެޗްއާރު އަދި އެޑްމިންގެ ހެޑްގެ ވަޒީފާ އަށް ކުރެވެނު އިއުލާނާއި މި މަގާމަށް ބޭފުޅަކު ހޮވުމަށް ޓަކައި ބޭނުންކުރެވުނު ޕޮލިސީ އާއި މިންގަނޑުތަކާއި ހުށަހަޅާފައިވާ ވަނަވަރުތައް އަދި ކުންފުނިން 12 މަސް ދުވަހުގެ ތެރޭގައި ހެދިފައިވާ އެމްއޯޔޫތަކާއި ކޮންޓްރެކްޓް އަދި ޖޮއިންޓްވެންޗާ އެގްރިމަންޓްތަކާއި ލިޔުންތައް އަދި އެކަމާ ގުޅޭ ޔައުމިއްޔާ ވެސް ގެންގޮސްފައިވެ އެވެ.

އޭގެ އިތުރުން 20،000 ޑޮލަރުގެ ކްރެޑިޓް ފެސިލީޓީގެ ކްރެޑިޓް ކާޑެއް ހެދުމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އާއި އެކަމާ ގުޅޭ ލިޔުންތަކާއި ވޭވް ގާޑް ސިސްޓަމާއި ތިލަފުށީގެ ހިއްކާފައިވާ ސަރަހައްދުގައި އެކި ކަހަލަ މަސައްކަތްތައް ހަވާލުކުރުމާ މެދު ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި އެ މަޝްރޫއާ ގުޅޭ ލިޔުންތަކާއި ތިލަފުއްޓަށް ބޭނުންވާ ވެހިކަލް ގަތުމަށް ނީލަމުގައި ބައިވެރިވުމަށް ބޯޑުގެ ބައްދަލުވު ޔައުމިއްޔާ އާއި އެ މަޝްރޫއާ ގުޅޭ ލިޔުންތައް އަދި ތިލަފުށީގެ ބިމުކުލި ބަދަލުކުރުމަށް ބޭއްވުނު ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި މަޝްރޫއާ ގުޅުން ހުރި ލިޔުންތައް ވެސް ގެންގޮސްފައިވެ އެވެ.