07 Nov 2013, 17:54
ޒަކާތު ގާނޫނެއް އެކުލަވާލުމަށް އުފައްދާފައިވާ ޑްރާފްޓަށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތް ނެގުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުތަކަށް ބަލައި މުރާޖައާކޮށް ގެންނަން ޖެހޭ އިސްލާހުތައް ހިމަނައިގެން އެކަމަށް ވަކި ގާނޫނުނެއް އެކުލާވާލުމަށް ޓަކައި، އެ ގާނޫނުގެ ޑްރާފްޓް އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ޑްރާފްޓަށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެއް މަސްދުވަހުގެ މުއްދަތަކަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާލުވީ އެއްއަހަރުން އަނެއް އަހަރަށް ޒަކާތަށް ލިބޭ ފައިދާ އިތުރުވަމުން އަންނަ އިރު، ޒަމާނަށް ފެތޭ ގޮތަށް އެ ފައިސާ ނަގާ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ރަނގަޅު ނިޒާމެއް މިއަދު ބޭނުންވެފައިވާ ކަމަށެވެ.
މިހާރު ހަދާފައިވާ ޒަކާތު ގާނޫނުގެ ޑްރާފްޓްގައިވާ ގޮތުން ޒަކާތުގެ ގޮތުގައި ލިބޭ ހުރިހާ މުދަލެއް އެތަކެތީގެ ހައްގުވެރިންނަށް ބަހައިދެވެންދެން، ބަހައްޓަންޖެހޭނީ އެމްއެމްއޭގައި ސަރުކާރުގެ މުދަލާއި ވަކިން ހާއްސަ އެކައުންޓެއްގަ އެވެ. އަދި މީހަކު އޭނާގެ މުދަލުން ނުވަތަ އާމްދަނީން ޒަކާތުގެ ގޮތުގައި ދެއްކި މިންވަރު އޭނާގެ އާމްދަނީގެ ޓެކުހުގެ ގޮތުގައި އެ އަހަރު ދައްކަންޖެހޭ ބައިން ކެނޑޭނެ އެވެ.