07 Nov 2013, 17:52
އެކިއެކި ކުށްކުށުގެ އަދަބުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 35 މީހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މައާފު ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މީހުންގެ އަދަބު ރައީސް މައާފްކޮށްދެއްވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މައާފުކޮށްދެއްވާފައިވާ އެ މީހުންނަކީ އެކިއެކި ކުށްކުށުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހުންނާއި އަރުވާލާފައިވާ މީހުންނާއި އަދި ގޭގައި ބަންދު ކޮށްފައި ތިބި މީހުންނެވެ. އަދި އެމީހުންގެ ހުކުމް މައާފްކޮށްދެއްވުމުގައި ބައްލަވާފައި ވަނީ އެ މީހާގެ އުމުރަށާއި އެމީހާގެ ސިއްހީ ހާލަތަށާއި އެމީހާގެ ހާލަތަށެވެ. މީގެއިތުރުން އެމީހެއްގެ އުޅުމާއި އަހުލާގަށް ބެލުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ 35 ފަސް މީހުންނަށް މައާފު ދިނީ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. ނަމަވެސް އެ ޝަރުތުތަކެއް އަދި އެ މީހުންގެ ނަންތަކެއް އާންމެއް ނުކުރެ އެވެ.
"މީހާގެ އުމުރަށް ބަލައި ނުވަތަ ބައްޔަކަށް ބަލައި، ނުވަތަ އެމީހަކު ހޯދަމުންދާ ސިއްހީ ފަރުވާއަކަށް ބަލައި، ނުވަތަ އެމީހަކު ހުރި ވަގުތާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަށް ބަލައި، އަދި އެމީހެއްގެ އުޅުމާއި އަހުލާގަށް ބަލައި، މީހުންގެ ކުށުގެ އަދަބު ލުއިކޮށްދެއްވާފައި ވަނީ ޝަރުތަތަކަކާއެކު އެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ނަމަވެސް އަދަބު ލުއިކޮށް ދެއްވުމުގައި މީހަކު މެރުމުގެ ކުށެއް ކޮށްފައިވާ މީހުންނާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާ މީހުންނާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުންގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުން ނުހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.