07 Nov 2013, 17:49
ސަރުކާރުގެ ހައްޖު ކޯޕަރޭޝަނަށް ކޮންމެ އަހަރަކު ވެސް ކޯޓާގެ ވަކި ޕަސެންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އުފައްދާފައި ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.
ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ކުރުމަށް މިއަދު އެ މިނިސްޓްރީއާ ހައްޖު ކޯޕަރޭޝަންގެ އޮފީސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަން ރަޖިސްޓްރީ ކޮށްފައިވާއިރު، އެ ކޯޕަރޭޝަންގެ ބޯޑަށް ހަ މެމްބަރަކު ވަނީ އައްޔަން ކޮށްފަ އެވެ. އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފާވަނީ ޑރ.އައިޝަތު މުނީޒާ އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭ ކޯޕަރޭޝަންގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި ހައްޖުގެ ކަންތަކުގައި އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަސައްކަތްތައް ކުރެވިގެން ދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފެއްދި ނަމަވެސް އާންމުކޮށް އެކަން ކުރާ ފަރާތްތަކަކަށް އެ ފުރުސަތު ގެއްލިގެން ނުދާނެ ކަމަށެވެ. އެގޮތުން އެންމެ ރަނގަޅަށް އެކަން ކުރާ ދެތިން ޖަމާއަތަކަށް ފުރުސަތު ދިނުމަށް މިނިސްޓްރީން ވިސްނާފައިވާ ކަމަށެވެ.
"މި ކޯޕަރޭޝަން އުފެދުނު ނަމަވެސް އާންމު ހައްޖު ޖަމާއަތްތަކަށް މިފުރުސަތު ގެއްލިގެނެއް ނުދާނެ. އާންމުކޮށް މީހުން ހައްޖަށް ގެންދާ ކުންފުނިތަކާ ޖަމާއަތްތަކަށް އަޅުގަނޑުމެން ފުރުސަތު އަރުވާނަން. އެންމެ ރަނގަޅަށް އެކަން ކުރާ ދެތިން ޖަމާއަތަކަށް ފުރުސަތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިސްނަފައި،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޯޕަރޭޝަނުގެ ދުރު މުސްތަގުބަލަށް ވިސްނާއިރު، މަދީނާއާއި މައްކާގައި ހައްޖާޖީންނަށް ހާއްސަ ހޮޓަލެއް ގާއިމު ކުރުމަށް ވިސްނާފައިވާ ކަމަށެވެ. އަދި އެކަމަކީ ބައެއް ގައުމުތަކުން މިހާރު ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށް ވިދާޅުވި އެވެ.
"ހޮޓަލެއް ގާއިމު ކުރެއްވިޖެނަމަ ދިވެހި ހުރިހާ ހައްޖާޖީންނަށް އެއްތަނެއްގައި ތިބެވޭނެ. އަދި ދިވެހި ހައްޖާޖީންނާއި އުމްރާއަށް ދާ މީހުން ނޫޅޭ ދުވަސްވަރު އެތަން ކުއްޔައް ވެސް ދެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފީސް ގާއިމުކޮށްފައިވަނީ ކުރިން ވެށިފަހި މާލެ އޮފީސް ހިންގަމުންދިޔަ ތަނުގަ އެވެ.