07 Nov 2013, 17:28
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުތަކަށް ކުއްލި ކުއްލި އަށް ގެންނަ ބަދަލުތަކާ މެދު ކަންބޮޑުވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އެކަން ބޮޑުވުން ފާޅުކުރީ ނޮވެމްބަރު 11ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުނުކުރެވިއްޖެ ނަމަ އުފެދިދާނެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރެއް ވުމަށް ފަހު އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި، އެކޮމިޝަނުން ވަނީ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުގެ ބޭނުންކުރާ އިރު، މިނިވަންކަމާ އެކު، ޒިންމާދާރުކޮށް ނުފޫޒުން އެއްކިބާވެ ތިބެ، އެހައްގުގެ ބޭނުން އަދާކުރުމަށް ގޮވާލައިފި އެވެ.
އެޗްއާރުސީއެމް އިން ބުނީ ވޯޓުލުމުގެ ހައްގު އެންމެހާ ފަރާތްތަކަށް ފަހިކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކާއި ޕާޓީތަކުން މަސައްކަތްކޮށް ދިނުމަށް ވެސް ގޮވާލާފަ އެވެ.
މީގެ އިތުރުން މިއަދު އެޗްއާރުސީއެމް އިން ވަނީ އިންޓާ-ޕާލިއަމަންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ވަފުދަކާ ވެސް ބައްދަލުކުރައްވާފަ އެވެ.