07 Nov 2013, 17:08
ރަޝިޔާގެ ސޮޗީގައި ކުރިއަށްދާ ވިންޓާ އޮލިމްޕިކްސްގެ ދަންމަރު ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ގެންގޮސްފި އެވެ.
ރަޝިޔާގެ ސޮޔޫޒް ރޮކެޓެއްގައި އައިއެސްއެސްއަށް އޮލިމްޕިކްސްގެ ދަންމަރު އައިއެސްއެސް އަށް ގެންގޮސްފައި ވަނީ މިއަދު އެވެ. މިސޮޔޫޒް ރޮކެޓު އުދުއްސާލާފައި ވަނީ މިއަދު ހެނދުނު ރަޝިޔާގެ ތިން ކޮސްމޮނޯޓުންނާ އެކު ކަޒަކިސްތާނުގެ ބައިކަނޫރު ކޮސްމޮޑްރޯމުން ނެވެ.
ހޮނިހިރު ދުވަހު އައިއެސްއެސްގައި ބާއްވަން ހަމަޖެހިފައިވާ "ސްޕޭސް ވޯކް" އެއްގައި ދަންމަރު ޖައްވުގެ ތެރެއަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާއިން ބުނެ އެވެ. ޖައްވުގެ ތެރެއަށް ދަންމަރު ނެރޭއިރު ހުޅުކޮޅު ހުންނާނީ ނިއްވާލާފައި ކަމަށް އެގައުމުން ބުނެ އެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން އޮލިމްޕިކްސް ދަންމަރު ވަނީ ޖައްވުގެ ތެރެއަށް ގެންގޮސްފަ އެވެ. އެއީ 1996 އަދި 2000 ވަނަ އަހަރުގަ އެވެ. ނަމަވެސް މީގެ ކުރިން ޖައްވުގެ ތެރެއަށް ދަންމަރު ނެރެފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސްއެސްގެ ތެރޭގައި ވެސް ދަންމަރުގެ ހުޅުކޮޅު ހުންނާނީ ނިއްވާލާފަ އެވެ. އެއީ އައިއެސްއެސްގައި ހުޅުކޮޅު ދިއްލާފައި ހުންނަ ނަމަ، އޮކްސިޖަން ބޭނުންކުރާ މިންވަރު އިތުރުވެ، އައިއެސްއެސްގެ ފަޅުވެރިންނަށް ގެއްލުމެއް ލިބިދާނެތީ އެވެ.