07 Nov 2013, 17:06
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ހަތް ޑިރެކްޓަރަކާއި އަމިއްލަ ހިއްސާދާރުންގެ ފަރާތުން ދެ ޑިރެކްޓަރަކު ކަނޑައަޅައިފި އެވެ.
އެ ބޭންކުން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ބޭންކުގެ ޗެއާމަންކަމަށް ހުށަހަޅާފައި ވަނީ ޑރ. އަބްދުﷲ ޝިހާމްގެ ބަދަލުގައި ހަސަން ސޯބިރެވެ. އޭނާއަކީ ރައީސް މައުމޫންގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރުކަން އަދި އިނގިރޭސިވިލާތާއި ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ހައިކޮމިޝަނަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސޯބިރުގެ އިތުރުން ސަރުކާރުން ހުށަހަޅާފައި ވަނީ ބޭންކްގެ އެކްޓިން ސީއީއޯ އައިޝަތު ނޫރައްދީން އާއި މިހާރު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވާ މ. ސީނުކުރަންކާގެ، އާދަމް އާޒިމާއި ބޯޑު މެމްބަރު ހުޅުމާލެ، 71 ޖީ 01، ހަސަން ޝަމީމާއި ބޯޑު މެމްބަރު މއ. ޕޮޕީ ޑރ. އިސްމާއިލް ޝަފީއު އާއި ކުރީގެ ޕަބްލިކް އެންޓަޕްރައިސަސް އެންޑް މޮނިޓަރިން އިވެލުއޭޝަން ބޯޑުގެ ސީއީއޯ ފާތިމަތު މުއާޒާ އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަމްޖަދެވެ.
ބީއެމްއެލް އިން ނެރުނު އިއުލާނުގައި އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރުމަށް ހަތަރު ބޭފުޅަކު ބޯޑަށް ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވާކަމަށް އިއުލާންކޮށްފައި ވަނީ ބޯޑުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ މއ. ޓިއުލިޕްވިލާ، މުހައްމަދު އަބްދުއްސައްތާރާއި ނ. ހޮޅުދޫ، ނެލުމް، އިބްރާހިމް މުހައްމަދުގެ ނަމެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ބޭންކުގެ ހިންގާ ގަވައިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭންކުގެ ބޯޑަށް އައްޔަންކޮށް އަދި އިންތިހާބުކުރަން ޖެހޭ 11 ޑިރެކްޓަރުންގެ ތެރެއިން ބާކީތިބި ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން އިއުލާންކުރާނެ ކަމަށެވެ.
ބޭންކުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.