07 Nov 2013, 15:58
މިމަހުގެ 11 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެރިކަމާ ހަވާލުވާ ގޮތަށް އެމަޖިލީހުން ފާސްކުރި ގަރާރު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން، އެ މައްސަލަ ހުށަހެޅި މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
އެ މައްސަލައަކީ މިމަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު ބާތިލު ކުރުމަށް އެދި ވައްޑެ ހުށަހެޅުއްވި މައްސަލަ އެކެވެ.
http://www.sun.mv/uploads/l_35133415.jpg
މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، ވެރިކަމުގެ ބާރުތަކާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.
އެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. ވޯޓު ދެއްވީ ޑީއާރުޕީ އަދި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ނެވެ.
ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ އިންތިހާބު ބާތިލްކުރަމުން، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 11 ނޮވެމްބަރުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަވެސް މިހާރު އެމަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ދިގު ނޫން މުއްދަތެއް ވަންދެން އެމަގާމުގައި ދެމިހުރެވޭނެ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑުކިޔާފަ އެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރު ހާމިދު އަބްދުލްގަފޫރު ވަނީ އިންތިގާލީ ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލުގައި ބުނެފައި ވަނީ 11 ނޮވެމްބަރަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ އެމަޖިލީހުގެ ނައިބު ރައީސް ނުވަތަ އެމަޖިލީހުން ހޮވާ މެމްބަރެއް ކަމަށެވެ.
ވައްޑެ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެފައިވާ ނަމަވެސް، އެ މައްސަލައިގެ އަޑުއެހުން އޮންނާނެ ތާރީހެއް އަދި އަންގާފައި ނުވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.