ދައުރު ހަމަ ވުމަށް ފަހު އަލަށް އަންނަ ސަރުކާރާ ވެރިކަން ހަވާލުކުރަން ހިއްސާކުރަން ޖެހޭ އިދާރީ ލިޔެކިޔުންތައް މީގެ ދޮޅުމަސް ކުރިން ކެބިނެޓް އޮފީހުން ތައްޔާރުކޮށްފައިވާ ކަމަށް ކެބިނެޓް ސެކެރެޓަރީ ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ޑރ. ނަޒީރު ވިދާޅުވީ ކެބިނެޓް އޮފީހުން ތައްޔާރުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި އޮފީސްތަކުން މިހާތަނަށް ހިންގާފައިވާ ހުރިހާ ޕްރޮޖެކްޓްތަކުގެ ހުލާސާތަކާއި މިހާތަނަށް މިނިސްޓްރީތަކުން ތައްޔާރުކޮށްފައިވާ އުސޫލުތައް ހިމެނޭނެ ކަމަށެވެ. އަދި އެހެންމެ މިހާތަނަށް ތިއްބެވި ސިޔާސީ ބޭފުޅުންނާއި އެ ބޭފުޅުންގެ މަސައްކަތްތައް ހިމެނޭ ލިޔުންތައް ވެސް ރިޕޯޓެއްގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ހިމެނޭނެ އޮފީސްތަކުގެ ބަޖެޓް، އޭގެ ތެރޭގައި ހިމެނޭނެ ދައުލަތުން މިހާތަނަށް ހިންގި ހުރިހާ ޕްރޮޖެކްޓްތަކުގެ ސަމަރީ، އޭގެ ތެރޭގައި ކުރިއަށް ހުރި އަޕްޓޭޑްސްތައް. އޭގެ އިތުރުން ހިމެނޭނެ މިހާތަނަށް ހުރިހާ މިނިސްޓްރީތަކުގެ އޮފީސްތަކުން ތައްޔާރުކޮށްފައި ހުރި މުވައްޒަފުންނާއި ގުޅުންހުރި އުސޫލުތަކާއި އޭގެ ތަފްސީލް، އަދި އޭގެ ތެރޭގައި ހުންނާނެ މިހާތަނަށް ތިއްބެވި ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ ޑިޕާޓްމަންޓުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް،" ޑރ. ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ރިޕޯޓެއްގެ ތިން ކޮޕީ ތައްޔާރުކޮށްފައިވާނެ ކަމަށާއި އެއީ މިނިސްޓްރީ އަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ސެކެރެޓަރީއަކަށް ހަމަ ޖައްސަވާ ބޭފުޅަކަށް ދިނުމަށް ކަމަށެވެ.

"މި މަސައްކަތްތައް ވަރަށް ރަނގަޅަށް ކޮށްފައި ހުންނާނެ ކަމަށް އަޅުގަނޑު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އާ ސަރުކާރާއި ވެރިކަން ހަވާލުރުމަށް ކޯޑިނޭޝަން ކޮމެޓީއެއް ހެދުމަށްފަހު ކޯޑިނޭޓަރުގެ ދަށުން އެ މަސައްކަތް ދާނީ ވަރަށް ރަނގަޅަށް ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ. އަދި މިހާރު ހަމަ ޖެހިފައިވާ ގޮތުން އިންތިހާބު ބާއްވާތާ ކުޑަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެރިކަން ހަވާލުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ތައްޔާރުވެފައިވާ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.