މިއަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުން ފަށާގަނޑި ހެނދުނު 7:00 އިން އަދި ވޯޓް ލުން ނިންމާގަޑި 3:30 އަށް ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު އެކަން މިއަދު "ސަން" އަށް ކަށަވަރު ކޮށްދިނެވެ. ނަމަވެސް އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ވޯޓްލުން ފަށާ ވަގުތު އަވަސްކޮށް ވޯޓްލުން ނިންމާ ގަޑި ވެސް އަވަސްކޮށްފައިވާ އިރު އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ފަހު، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ބުރު ޖެހިގެން އަންނަ އާދިއްތަ ދުވަހު ބާއްވާ ގޮތަށެވެ.

ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ވޯޓްލާ ގަޑިތައް އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާން ކޮށްފައިވެ އެވެ. ކޮމިޝަނުން މިއަދު ބުނީ އިންޑިއާގެ ޓުރެވެންޑްރަމް އާއި ނިއުދިއްލީގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓްލުމަށް ފަށާނީ އެ ސަރަހައްދުގެ ގަޑިން ހެނދުނު 8:00 ޖަހާއިރު ކަމަށާއި އަދި ވޯޓްލުން ނިންމުމަށް ހަމަޖެހިފައި ވަނީ 16:30ގައި ކަމަށެވެ. އަދި ލަންކާގެ ކޮލޮމްބޯގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓްލުމަށް ފަށަނީ ވެސް އެގައުމުގެ ގަޑިން ހެނދުނު 8:00 އަކުން 16:30 އަށެވެ. ލަންޑަނުގައި އެގައުމުގެ ގަޑިން 9:00 އަކުން ފެށިގެން 17:30 ވޯޓްލާން ނިންމާފައިވާ އިރު މެލޭޝިއާގައި ވޯޓްލުމަށް ނިންމާފައި ވަނީ އެގައުމުގެ ގަޑިން 10:30 އިން 19:00 އަށެވެ. އަދި ސިންގަޕޫރުގައި އުޅޭ ދިވެހިން ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 10:30 އިން 19:00 އަށެވެ.