ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފަށް ކަމަށް ގާނޫނީ ވަކީލުންގެ ޖަމިއްޔާ ބާ އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

ބާ އެސޯސިއޭޝަނުން މިއަދު ނެރުނު ދެ ޖުމުލައިގެ މައްޗަށް އެކުލެވޭ ކުރު ބަޔާނުގައި ދައުލަތުގެ މުއައްސަސާތަކަށް ވަނީ އިލްތިމާސެއްކޮށްފަ އެވެ. އެ އިލްތިމާސްގައި ބުނަނީ ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ދައުލަތުގެ މުއައްސަސާތަކުން ހިމާޔަތްކޮށްދިނުމަށެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބް ހުސްނުއްސުއޫދު ރައީސަކަށް އިންތިހާބުކޮށްފައިވާ ބާ އެސޯސިއޭޝަންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕީޖީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މުއިއްޒާ ދެކޮޅަށް ކޮމެޓީ އަށް ހުށަހަޅާފައިވާ ހެކިތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވިގެން ވަޒީފާ އިން ވަކިކުރާވަރުގެ "ހުއްޖަތް ހުރި ދަލީލުތަކެއް ނޫން" ކަމަށެވެ. އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދިއުމުގެ ކުރިން ކޮމެޓީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ ހިލާފަށް ކޮމެޓީން އަމަލުކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޖީގެ މައްޗަށް މަޖިލީހުން ނަގަން ޖެހޭނީ "ނޯ ކޮންފިޑެންސް ވޯޓެއް" ނޫން ކަމާށާއި "އިންޕީޗުމަންޓެއް" އެމަނިކުފާނުގެ މައްޗަށް އަންނަ ނަމަ ސުޕްރީމް ކޯޓުގެ ނަމްބަރު 2012/SC-C/35 ގަޟިއްޔާގެ ހުކުމާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އަމަލުކޮށްފައިވާ ކަމަށެވެ. އޭނާ އިޝާރަތް ކުރައްވާ
ހުކުމަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކޮމިޝަންގެ މެންބަރު ކަމުން ދުރުކުރުމަށް މަޖިލީހުން ފާސް ކުރި ނިންމުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމެވެ.

"އިމްޕީޗުމަންޓް ޕްރޮސީޖާ ފޮލޯ ކުރަންޏާ ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައެޅިގެން ބުނެފައި އެބަ އޮތް ކަނޑައެޅިގެން ފުރިހަމަ ކުރަންޖެހޭނެ އިޖުރާތުތައް. އެކަންތައްތައް ފުރިހަމަ ނުވެ، އަނެއްކާ ވެސް މިފެންނަނީ އެ ޕްރޮސެސް ހިންގާތަން،" ބާ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ކަނޑައެޅުމަށް ކޮމެޓީ ގަވާއިދަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ބުނަނީ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެ ނަމަ، އެއްމައްސަލައެއް ރައްދުވާ ފަރާތަށް އެކަން އަންގާ، އެ މައްސަލައެއްގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމަށް އެފަރާތަކަށް ފުރުޞަތެއް ދިނުމަށާއި، އެގޮތުން ޖަވާބުދާރީވުމަށް ކޮމިޓީއަށް ވަޑައިގަންނަވާ ބައްދަލުވުމުގައި، އެ މައްސަލައެއް ރައްދުވާ ފަރާތަކަށް ވަކީލަކާ އެކު ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުޞަތު އޮތްކަމާއި އަދި އެބައްދަލުވުމަށް ފަހު ކޮމިޓީން ހޯދާހޯދުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ކޮމިޓީން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުމަށް އެ ގަވާއިދަށް އިސްލާހު ގެނައުމަށެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރުމަށް އެމްޑީޕީގެ 26އަށް ވުރެ ގިނަ މަޖިލިސް މެންބަރުން މަޖިލީހަށް ހުށަހެޅި ސަބަބުތަކަކީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ފުލުހުންނާ ސިފައިންނާ މެދު ފިޔަވަޅު އެޅުމުގައި ޕީޖީ ގާނޫނީ ޒިންމާ އަދާކުރައްވާފައި ނެތުމާއި ދައުވާކުރަން ފޮނުވުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ބުނެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ކޮމެޓީން އެންގުމާއި ގުޅިގެން މުއިއްޒު ވަނީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންފަ އެވެ. ނަމަވެސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.