ރ. ރަސްގަތީމުގައި ހުންނަ ޖުމްހޫރީ ޕާޓީގެ ޖަގަހައެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.

އެ ރަށުގައި ހުންނަ ޖުމްހޫރީ ޕާޓީގެ ކެމްޕޭން ކޯޑިނޭޓަރު އަލީ އަކްރަމް "ސަން" އަށް މިއަދު ބުނީ އެ ރަށުގައި ހުންނަ "ރަސްގަނޑުވަރު" ކިޔާ ޖުމްހޫރީ ޕާޓީގެ ޖަގަހައެއްގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހު ގާތްގަނޑަކަށް 1:30 އެހާކަންހާއިރު ކަމަށެވެ. އަދި އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ރޯކޮށްލި އެ އަލިފާންގަނޑު ނިއްވާލެވިފައި ވަނީ އާއްމުންގެ އެހީތެރިކަމާ އެކު ދަންވަރު 1:45 ހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގި ކަން ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ރަށު ޖަހަގައެއްގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ ދަންވަރު 2:04ގައި ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އަލީ އަކްރަމް ބުނީ އަލިފާން ރޯކޮށްލާފައި ވަނީ އެތަނުގައި ގެންގުޅޭ ހުރިހާ ކަރަންޓު ސާމާނެއް އެއްތަނަކަށް ގެނެސް އެ އެއްޗިތަކުގައި ކަމަށާއި އެގޮތުން ރޯކޮށްލާފައިވާ އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް އަންދާފައިވާ ކަމަށެވެ. އަދި ރޯކޮށްލާފައިވާ ކަރަންޓު ސާމާނުގެ އަގު ގާތްގަނޑަކަށް 75000 ރުފިޔާ އަށް އަރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ތަޅު ހަލާކުކޮށްލައިގެން ވަދެ ހުރިހާ ކަރަންޓު ސާމާނެއް ފުންޏަކަށް ޖަހާފަ ރޯކޮށްލާފައި ހުރީ. އެއްވެސް އެއްޗެއް އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެވޭ. އެތާގައި ހުންނާނެ ބައި ލައްކަ ރުފިޔާގެ އެއްޗެހި. ޖަގަހަ ވެސް ދުމުގެ ސަބަބުން އަނެއްކާ ދޮވެފައި ކުލަލާން ޖެހޭނީ. އެކަމަކު އަލިފާން ގަނޑު ރޯކޮށްލި ދިމާލުން ކޮންމެވެސް ވަރަކަށް މަތިވަޑާމު ހުރި އަނދާފައި. އަދި ހުރިހާ ލިޔެކުންތައް ވެސް ވަނީ އަނދާފައި." އޭނާ ބުންޏެވެ.