ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އެމެރިކާ، އިންޑިއާގެ އިތުރުން އދ. އާއި ކޮމަންވެލްތުގެ މަންދޫބުންނާއި ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަކިވަކިން ބޭއްވި އެ ބައްދަލުވުންތަކުގެ ތެރެއިން އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ރައީސްއާ އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުންނާއި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި އޮމާން ސުލްހަވެރި އިންތިހާބެއް ބޭއްވުމަށް ޓަކައި ސިޔާސީ ހުރިހާ ފަރާތްތަކަކުން ވެސް ގައުމުގެ ހަމަޖެހުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރެއްވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީކަން ދެއްވި އެވެ.

ރައީސްގެ އަރިހަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ މިސްޓާ ހަރްޝް ވަރްދަން ޝްރިންގްލާ ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ޖޮއިންޓް ސެކްރެޓަރީ މިސްޓާ ހަރްޝް ވަރްދަން ޝްރިންގްލާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަ ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވާ އިސްނެންގެވުމާ މި ގޮތުން ކުރެއްވި މަސައްކަތްޕުޅުތަކަކަށް ތައުރީފް ކުރެއްވި އެވެ.

މީގެއިތުރުން އިންޑިއާ އިން އަބަދުވެސް އެންމެ އިސްކަމެއްދެނީ، ދިވެހި ރައްޔިތުންގެ މަސްލަޙަތަށް ކަމަށް ވިދާޅުވެ އެކަމުގައި ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް އިންޑިއާ އިން ރާއްޖެ އަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ ރާއްޖެ އަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި ހުރިހާ ސިޔާސީ ފަރާތްތަކުން ގައުމީ މަސްލަޙަތު އިސްކުރައްވައިގެން މަސައްކަތްކުރައްވައިފި ނަމަ މިކަންކަމުން ވަރަށް ފަސޭހަކަމާ އެކު އަރައިގަނެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ދެން އިންތިހާބުވާ ސަރުކާރަކާ ވެރިކަން ވީހާ ވެސް އޮމާންކަމާއި އަމާންކަމާ އެކު ހަވާލުކުރެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް އެމަނިކުފާނު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރު ރަޖީވް ސަހާރޭ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެއިތުރުން އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑެޒް ޓްރެންކޯ އާއި ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބު ޑޮނަލްޑް މެކިނަން ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުންނާއި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި ރާއްޖޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި ކޮމަންވެލްތާއި އދ. އިން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މި އިންތިހާބަކީ އޮމާންކަމާ އެކު ކުރިއަށްދާނެ އިންތިހާބަކަށް ހެއްދެވުމަށް ޓަކައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.