ހދ. ނޮޅިވަރަމު އޮފީހުގެ ކުރީގެ ކަތީބަކާއި އެ އަތޮޅުގެ އަތޮޅުވެރިއަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގުރުއަތަކާއި ނުލައި ގޯއްޗެއް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީ އިން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ހދ. ނޮޅިވަރަމު އޮފީހުގެ ކުރީގެ ކަތީބަކަށް ހުންނެވި އެ ރަށު ޝަބްނަމްގޭ، އަލީ ރަޝީދު ހުސެއިން އާއި އެ އަތޮޅު އަތޮޅުވެރިއަކަށް ހުންނެވި ސ. މީދޫ ކަރަންކާގޭ މުހައްމަދު ދީދީގެ މައްޗަށެވެ.

އޭސީސީން ބުނީ އަލީ ރަޝީދު ހުސެއިން އާއި މުހައްމަދު ދީދީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހަޅާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ކަމަށެވެ.

ހދ. ނޮޅިވަރަމް އަބޫރުލްގުލްޝަން، އާދަމް މޫސާގެ ޅިޔަނެއް ކަމުގައިވާ އެ ރަށު މާބަގީޗާގޭ، އަބްދުލްހަންނާނު އަހުމަދު އަށް އެ ރަށުން ދޫކޮށް ބަދަލުދީ ނިމިފައިވާ "މަގުޝަދު" ނަމަކަށް ކިޔާ ގޯތި އާދަމް މޫސާއަށް ދޫކޮށްލުމާ މެދު އަބްދުލް ހަންނާނު އަހުމަދުގެ އެއްވެސް އިއުތިރާޝެއް ނެތް ކަމަށާއި އެ ގޯއްޗަކީ 2005 ވަނަ އަހަރު އެ ރަށުން ގޯތި ދޫކުރުމަށް ކުރި އިއުލާނުގެ ދަށުން އާދަމް މޫސާ އަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އަތޮޅު އޮފީހަށް އާދަމް މޫސާ އާއި އަބްދުލް ހަންނާނު އަހުމަދު ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.

އެ ސިޓީ އާ ގުޅިގެން އެކަމާ މެދު ނޮޅިވަރަމު އޮފީހުގެ ލަފަޔަކަށް އެދި އަތޮޅު އޮފީހުން އެދުމުން އެކަން އެގޮތަށް ހަމަޖައްސައިދިނުން އެންމެ ރަނގަޅު ކަމަށް ބުނެ އޭރު ނޮޅިވަރަމު އޮފީހުގެ ކަތީބުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ހުސެއިން ލަފާ ދެއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ދެމީހުން އެދުނު ގޮތަށް އާދަމް މޫސާ އަށް ގޯތި ރަޖިސްޓްރީ ކޮށްދިނުމަށް އެދި ނޮޅިވަރަމު އޮފީހަށް އަތޮޅު އޮފީހުން ފޮނުވާފައިވާ ފެކްސް މެސެޖުގައި ސޮއިކޮށްފައި ވަނީ އޭރުގެ އަތޮޅު ވެރިޔާ މުހައްމަދު ދީދީ ކަމަށް ވެސް އޭސީސީން ބުންޏެވެ.

" ނޮޅިވަރަމުން 2005 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރި އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހަޅައިފައިވާ އާދަމް މޫސާ އަކީ ގޯތި ލިބުމުގެ ޝަރުތުހަމަވާ މީހެއް ނަމަވެސް "މަގުޝަދު" ގޯތި އޭނާއަށް ބަދަލުކުރިއިރު އެ އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ގޯތި ހަވާލުކޮށްފައިނުވެ އެވެ،"

އޭސީސީން ބުނީ މުހައްމަދު ދީދީގެ އަތޮޅުވެރިކަމުގައި އެއްވެސް ފަރާތަކަށް ގުރުއަތަކާއި ނުލައި ގޯއްޗެއް ދޫކޮށްފައިނުވާނެ ކަމަށާއި މީހަކަށް ދީފައިވާ ގޯއްޗެއް އެމީހަކު ދޫކޮށްލައިފި ނަމަ އެގޯތި އަނެއްކާ ވެސް ވަންނާނީ އާއްމު ޕްރޮސީޖަރުގެ ތެރެއަށް ކަމަށް އަދި އެފަދަ ގޯއްޗެއް އެހެން ފަރާތަކަށް ދޭންވާނީ އިޢުލާންނުކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރެވިގެން ކަމަށް ތަހުގީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އާދަމް މޫސާ އަށް އެ ގޯތި ބަދަލުކޮށްދީފައި ވަނީ މި ޕްރޮސެސްއިން ބޭރުން ގުރުއަތަކާއި ނުލައި ކަމަށާއި އަދި 2005 ވަނަ އަހަރު ނޯޅިވަރަމުން ގޯތި ދޫކުރުމަށް ކުރި އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ޝަރުތު ހަމަވި ފަރާތްތަކަށް ގޯތި ދޫކޮށްފައި ވަނީ ގުރުއަތުން ކަމަށް އެނގެން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކޮންމެ ގޮތަކަށް ގޯތި ބަދަލުކޮށްދީފައި ވިނަމަ ވެސް ގޯތި ބަދަލުކޮށްދިނީ އަތޮޅު އޮފީހުން ހުއްދަ ލިބިގެން ކަމަށް ނޮޅިވަރަމުގެ އޭރުގެ ކަތީބު އަލީ ރަޝީދު ތަހުގީގުގައި ބުނެފައިވާ އިރު ގާނޫނާއި ގަވާއިދާއި ހިލާފަށް ގޯއްޗެއް ދޫކުރުމުގެ ހުއްދަ ދިނުމުގެ ގާނޫނީ ބާރު ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ލިބިފައެއް ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އަލީ ރަޝީދު ހުސެއިން އާއި މުހައްމަދު ދީދީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ހުށަހަޅާފައިވަނީ ކޮރަޕްޝަންސް ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.