އާސަންދަ ޕްރައިވެޓް ލިމިޓެޑާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވެންދެން "އާސަންދަ" ހިދުމަތް އޭޑީކޭގެ ބޭސްފިހާރަތަކުން ހުއްޓާލައިފި އެވެ.

އޭޑީކޭ ކޮމްޕެނީގެ ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ފަޒްލާ ހަސަން ވިދާޅުވީ މައިގަނޑު ގޮތެއްގައި ދިމާވެފައިވާ މައްސަލައަކީ ހިދުމަތް ދިނުމަށް އޭޑީކޭ އިން ބޭނުންކުރާ ސޮފްޓްވެއާއަކަށް ބޭނުންވާ ބަދަލުތައް ނުގެނެވުމުގެ މައްސަލަ ކަމަށެވެ.

ޝަޒްލާ ވިދާޅުވީ ހިދުމަތް ހުއްޓާލާފައި ވަނީ "ވަގުތީ ގޮތުން" ކަމަށާއި މައްސަލަތައް ހައްލު ވީހާ އަވަހަކަށް އާސަންދަ ހިދުމަތް ދޭން އަލުން ފަށާނެ ކަމަށެވެ.

އޭޑީކޭ އިން ބުނީ އެ ކުންފުނީގެ ބޭސް ފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއާއަކީ އިންޓަނޭޝަނަލް ސޮފްޓްވެއާއެއް ކަމުން، އެއަށް ބޭނުންވާ ބަދަލުތައް ގެނެވެން ނެތް ކަމަށެވެ. އަދި ބަދަލުތައް ގެންނަށް އެންގުމަށް ފަހު، އެބަދަލުތައް ގެނައުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ދިން މުއްދަތު ވެސް ވަރަށް ކުޑަ ކަމަށް ފަޒްލާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ލައިސަންސްގެ ދަށުން މިކުންފުނިން ބޭނުންކުރަމުންދާ ޑިވެލޮޕާ ސޮފްޓްވެއާ އާސަންދައިން ބޭނުންވާ ގޮތަށް އަދި އާސަންދައިން ދެއްވާ ވަގުތު ތެރޭގައި ބަދަލުކުރުމަކީ ކުރަން ވަރަށް ދަތި ކަމެއް" ފަޒްލާ ވިދާޅުވި އެވެ.

އޭޑީކޭ އިން ބުނީ މިއަހަރުގެ ތެރޭގައި އާސަންދަ ހިދުމަތް ދިނުމަށް އޭޑީކޭއިން ވެފައިވާ އެގްރިމެންޓް އިސްލާހުކުރި ފަހުން، އެއެގްރިމެންޓުގެ ބޭރުން ކަންކަން ކުރުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން އަންގަމުންދާ ކަމަށެވެ. މިގޮތުން އޮންލައިންކޮށް އީޕޯޓަލްގެ ހިދުމަތް ދިނުމަށް އަންގާފައިވާ އިރު، އެކަމަށް ބޭނުންވާ ސޮފްޓްވެއާ ލިބިފައި ނުވާ ކަން އާސަންދަ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އޭޑީކޭއިން ބުނެ އެވެ.

އޭޑީކޭ އިން ބުނީ މި އަހަރުގެ ތެރޭގައި އެކުންފުނިން އާސަންދަ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން އިސްލާހުކުރުމަށް ފަހު ފައިސާ ދެއްކުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

މި އަހަރު އެއްބަސްވުން އިސްލާހުކުރުމަށް ފަހު އޭޑީކޭއިން ވަނީ އާސަންދައިގެ 2012 ވަނަ އަހަރުގެ ބިލްތައް ނުދެއްކުމުގެ ސަބަބުން އަރާފައިވާ އިންޓްރަސްޓް މާފުކޮށްދީ، ބިލް ދެއްކުމަށް ދޭ ކުރެޑިޓް މުއްދަތު 90 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އެމްޑީ ފަޒްލާ ވިދާޅުވީ އޭޑީކޭގެ ބޭސްފިހާރަތަކަށް އާސަންދަ ހިދުމަތުން ދައްކަން ޖެހޭ އެއްވެސް އައުޓްސްޓޭންޑިންގެން މިހާރު ނެތް ކަމަށެވެ. ނަމަވެސް 7.4 މިލިއަން ރުފިޔާގެ ބިލްތަކެއް މިހާރު ފޮނުވާފައި ވާނެ ކަމަށް އޭޑީކޭ އިން ބުނެ އެވެ.