ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުއްޓާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ މިރުފަތު ފާއިޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި އެވެ.

ދައުލަތުގެ ފަތާތުން އިސްތިއުނާފު ކުރި މައްސަލައިގައި އިއްޔެ ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ފުލުހުންގެ ތެރޭގައި ގާނޫނާ ޚިލާފަށް ކުރާ ކަންތައްތައް ރިޕޯޓްކޮށްގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި ނަމަވެސް އެކަން ރިޕޯޓްކުރި ފުލުސް މީހާ ގާނޫނާ ޚިލާފަށް ކަމެއްކޮށްފައިވާ ކަމަށް އެ ފުލުހަކު ހުށަހެޅި މައްސަލަ އިން އެނގޭނަމަ އޭނާއާ މެދު ފިޔަވަޅު އެޅިދާނެ ކަމަށެވެ.

މިރުފަތު ވަޒީފާއިން ވަކިކޮށްފައި ވަނީ އެ އުސޫލުގެމަތިން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު މިރުފަތު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާގެ ފިރިމީހާ ގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކުރުމުގައި ގާނޫނާ ޚިލާފަށް ފުލުހުން އަމަލުކުރި ކަމަށް ބުނެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އޭނާ ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައިވާ ކަންތައްތަކަށް ބަލާއިރު މިރުފަތު ވެސް ގާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވާ ކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފާހަގަކުރެވިގެން އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެތަނުން އެ މައްސަލަ ބެލުމަށް ފަހު ވަނީ އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ކޮށްފައި ވަނީ ދައުލަތުގެ ޣައިރު ހާޒިރުގަ އެވެ.