ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ވޯޓް ލިސްޓުތައް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި ދަތުރުތައް ކެންސަލްވެ، ވޯޓު ކަރުދާސް އެކިތަންތަނަށް ފޮނުވުން ލަސްވެއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން އަތޮޅުތަކަށް ވޯޓު ކަރުދާސް ފޮނުވުމަށް ކުރިން ޝެޑިއުލްކޮށްފައި އޮތަސް މިއަދު މެންދުރާ ހަމަޔަށް އެއްވެސް ރަށަކަށް ވޯޓު ކަރުދާހެއް ނުފޮނުވަ އެވެ. ނަމަވެސް ލަންޑަނަށް ވޯޓު ކަރުދާހާއި ލިސްޓުތައް ވަނީ ފޮނުވާފަ އެވެ. ވޯޓު ކަރުދާސް ފޮނުވުން ލަސްވެގެންދަނީ ވޯޓާސް ލިސްޓުގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ސޮއިކޮށް ނުނިމޭތީ ކަމަށްވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވޯޓް ކަރުދާސްތަކާއި ވޯޓް ލިސްޓް ފޮނުވުމަށް ހަމަޖެހިފައިވާ އަތޮޅުތަކުގެ ތެރެއިން ހއ، ހދ، ށ، ޅ، މ، ތ، ލ، ގއ ގދ، ލ އަތޮޅުގެ އިތުރުން އައްޑޫ ސީޓީއަށް ފުރުމަށް ހަމަޖައްސާފައި ކުރިން އޮތީ މިއަދު އިރުއަރައި 6:00 ޖަހާއިރު އެވެ. އަދި ނ، ރ، ބ އަތޮޅުގެ އިތުރުން ފ. އަތޮޅަށް ވޯޓް ކަރުދާހާއި ލިސްޓްތައް ހިފައިގެން ފުރުމަށް ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު 9:00 ޖަހާއިރު އެވެ. މީގެ އިތުރުން އއ. އަތޮޅާއި އދ. އަތޮޅަށް މިއަދު ހެނދުނު 10:30ގައި ފުރުމަށް ހަމަޖައްސާފައިވާ އިރު ދ. އަތޮޅަށް ފުރަން ހަމަޖައްސާފައި އޮތީ 1:30 ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވޯޓު ކަރުދާހާއެކު އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ރޭ ދަންވަރު 12:00 ފެށިގެން ފުލުހުން ތައްޔާރީ ހާލަތަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަނުން އަންގާ ގޮތެއްގެ މަތިން ވޯޓް ކަރުދާހާއި ވޯޓް ލިސްޓްތައް އަތޮޅުތަކަށް ފުރުމަށް ފުލުހުންގެ އިދާރާ އޮތީ ތައްޔާރީ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސުން މިހާތަނަށް މިކަމާ ގުޅިގެން ބަހެއް ލިބޭ ގޮތް ނުވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ކޮލަންބޯ އަށް މިއަދު މެންދުރު ފަހު ވޯޓު ކަރުދާސްތައް ފޮނުވުމަށް ހަމަޖެހިފައިވާއިރު ޓެރެވިންޑްރަމަށް މިރޭ ފަތިހު ވޯޓް ކަރުދާސްތައް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މެލޭޝިޔާއަށާއި ސިންގަޕޫރަށް މިރޭ ވޯޓް ކަރުދާސްތައް ފޮނުވުމަށް މަޖައްސާފައިވާއިރު ނިއުދިއްލީއަށް މިރޭ ފަތިހު ވޯޓް ކަރުދާހާއި ވޯޓްލާ މީހުންގެ ލިސްޓުތައް ފޮނުވުމަށް ހަމަޖައްސައިފަ އެވެ.

ވޯޓް ކަރުދާސްތަކާއި ވޯޓްލާ މީހުންގެ ލިސްޓު ނުފޮނުވި ދަތުރުތައް ސެންސަލްވެފައިވާއިރު ޕީޕީއެމާއި ޖުމްހޫރީ ޕާޓީން އަދި މިހާތަނަށް ބައެއް ލިސްޓުތަކުގައި ސޮއިކޮށް ނިމިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ލިސްޓުތަކުގައި ސޮއިކޮށް ނިންމައިފަ އެވެ.