07 Nov 2013, 12:50
މިއަދު އިރުއޮއްސެންވާއިރަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީން (ޖޭޕީ) އިން ރިޔާސީ ކެންޑިޑޭޓްގެ ފަރާތްޕުޅުން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމަން އަމާޒު ހިފާފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާލައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 239105 މީހުން ތެރެއިން 475 ފޮށީގެ ވޯޓު ލިސްޓުގައި އެމްޑީޕީން ސޮއިކޮށް ނިންމީ މިއަދު ހެނދުނު އެވެ. ރޭ އިރާކޮޅު އެ ޕާޓީން ވަނީ މާލެ ފިޔަވައި އެހެން ހުރިހާތަނެއްގެ ވޯޓު ފޮށިތަކުގެ ލިސްޓުގައި ސޮއިކޮށް ނިންމާފަ އެވެ.
ނަމަވެސް ޕީޕީއެމުން އަތޮޅު ތެރެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ލިސްޓުތަކުގައި ސޮއިކޮށް ނިމެން ކައިރިވެސް ނުވެ އެވެ. އެމްޑީޕީ އާއި ޕީޕީއެމުން ވޯޓާސް ލިސްޓުގައި ސޮއި ކުރަނީ އިލެކްޝަނުން ހަވާލު ކުރި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ސޮފްޓް ކޮޕީ ރެންޑަމްކޮށް ބަލައި ޗެކް ކުރުމަށް ފަހު ސޮއި ކުރަން ފެށުމުންނެވެ.
ޕީޕީއެމްގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލް "ސަން"އަށް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ މާލެ ފިޔަވައި އެހެން ހުރިހާތަނެއްގެ ވޯޓާސް ލިސްޓުގައި މިއަދު އިރުއޮއްސެންވާއިރަށް ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އިރުއޮއްސޭއިރު ވެސް މާލޭގެ ވޯޓު ފޮށިތަކުގެ ލިސްޓުގައި ސޮއިކޮށް ނުނިމޭނެ ކަމަށް ތޮލާލު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމާޒު ހިފާގައި މިހިރީ އިރުއޮއްސެންވާއިރަށް މިކަން ނިންމާލެވޭތޯ. އެކަމަކު މިއަދު އިރުއޮއްސޭއިރު ވެސް މާލޭގެ ވޯޓު ފޮށިތަކުގެ ލިސްޓުތަކުގައި ސޮއިކޮށް ނުނިމޭނެ،" ތޮލާލު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހަލީމް އަލީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ބޮޑު އަތޮޅެއްގެ ވޯޓު ލިސްޓްގައި އެ ޕާޓީން ސޮއިކޮށް ނިންމާފައިވާ ކަމަށާއި މިއަދު އިރުއޮއްސެންވާއިރަށް ހުރިހާ ލިސްޓެއްގައި ސޮއިކޮށް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ޕީޕީއެމުން އެ އުޅެނީ ބޮޑެތި އަތޮޅުތަކުގެ ލިސްޓުތަކުގައި ވެސް ސޮއިކޮށް ނުނިމިގެން. އަޅުގަނޑުމެން ބޮޑު އަތޮޅުތައް ވެސް ނިންމައިފިން. އެހެންވީމާ މިހާރު ކުދި އަތޮޅުތަކާއި ރާއްޖެ އިން ބޭރަށް ފޮނުވާ އެއްޗެއްސާ އެކު ސޮއި ކުރަމުން މިދަނީ،" ޖުމްހޫރީ ޕާޓީންގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.
ޖޭޕީ އާއި ޕީޕީއެމުން ވޯޓާސް ލިސްޓުގައި ސޮއި ކުރުން ލަސްވެގެންދާތީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވަނީ އެކަމާ ކަންބޮޑުވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ފަޔާޒު "ސަން"އަށް ރޭ ވިދާޅުވީ އަވަހަށް ސޮއިކޮށް ނުނިމޭ ނަމަ، އަތޮޅުތަކަށާއި ރާއްޖެ އިން ބޭރަށް ފޮނުވާލަން ޖެހޭ ލިސްޓުތަކާ އެކު ވޯޓު ކަރުދާސް ފޮނުވުން ލަސްވާނެ ކަމަށެވެ.
ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.