ލަނޑު ނުޖެހޭތާ ދުވަސްކޮޅެއް ވުމަށްފަހު ލިއޮނަލް މެސީގެ ޖާދުވީ ލަނޑު ޖެހުމުގެ ހުނަރާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރޭ އިޓަލީގެ އޭސީ މިލާން އަތުން 3-1 އިން މޮޅުވެ ސްޕެއިންގެ ބާސެލޯނާ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ސްޕެއިން ލީގުގައި އެންމެ ފަހުން މެސީ ކުޅު ހަތަރު މެޗުގައި ވެސް އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާތީ، ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިޔާގެ ތަރި އޮއްސުނީ ބާވައޭ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވަނިކޮށް، މެސީ ވަނީ ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އިޓަލީގެ ގަދަ ބާރެއް ކަމަށްވާ މިލާންގެ ގޯލަށް ދެ ލަނޑު ވައްދާލާފަ އެވެ.

މެސީ ފުރަތަމަ ލަނޑު ޖަހައިދިނީ، މިލާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އިގްނާޒިއޯ އަބާޓޭ ބާސާގެ ނޭމާއަށް ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ 30 ވަނަ މިނިޓުގަ އެވެ. މެސީ ލަނޑު ޖެހުމާއެކު ބާސާގެ ސަޕޯޓަރުން "މެސީ، މެސީ، މެސީ" އޭ ގޮވާ އަޑުން މުޅި ދަނޑު ގުގުމާލި އެވެ.

ބާސާގެ ދެވަނަ ލަނޑު 39 ވަނަ ވަނަ މިނިޓުގައި މިލާންގެ އޭރިޔާ ތެރެއަށް ޒަވީ ނަގައިދިން ރީތި ހުރަހެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ސާޖިއޯ ބުސްކެޓް އެވެ. އެހެން ނަމަވެސް މިލާނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކޮށްފަ އެވެ. ބާސާއިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނި ކޮށް ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގައި މިލާންގެ ކަކާ ފޮނުވާލި ބާރު ހަމަލާއެއް ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކްގެ ފައިގައި ޖެހިފައި ވަނީ އަމިއްލަ ގޯލްގެ ތެރެއަށެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ދެވަނަ ލަނޑު އަދި ބާސާގެ ތިންވަނަ ލަނޑު 83 ވަނަ މިނިޓުގައި މިލާންގެ ގޯލަށް ފޮނުވައިލީ ސެސް ފަބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތަކުންންވެ.

މި ނަތީޖާއާ އެކު 10 ޕޮއިންޓު ހޯދައިގެން ގްރޫޕް އެޗް ގެ އެއްވަނަ ޓީމުގެ ގޮތުގައި ބާސާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ގްރޫޕްގެ ދެ ވަނައިގައި މިލާން އޮތީ ފަސް ޕޮއިންޓާއެކު އެވެ.

ކޮންމެ ޓީމަކަށް ވެސް ބާކި ދެ މެޗު ކުޅެން އޮތްއިރު، މިލާން ގެ ފަހަތުން ގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު އަޔެކްސް އޮތްއިރު ހަތަރު ވަނައިގައި ތިންޕޮއިންޓާއެކު އޮތް ސެލްޓިކްއަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.

ރޭ މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ މިސީޒަންގައި ބާސާކުޅުނު ވިލާތު މުބާރާތްތަކުގައި ޖުމުލަ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ކުޅުނު 82 މެޗުގައި 65 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗަށް ފަހު ބާސާގެ ސްޕެއިން މިޑްފީލްޑަރު ބުސްކެޓްސް ބުނީ، ބާސާ ރަނގަޅަށް ކުޅޭ މެޗެއްގައި އިދި ކޮޅު ޓީމުގެ ގޯލް ކުރިމަތީގައި މެސީ ހުރެއްޖެ ނަމަ ލަނޑު ޖެހުމަކީ އެޓީމަށް އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންނަށް މެޗުގެ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅެވުނު. ދެން ބައިކޮޅަށް ވަން ލަނޑަކީ އެޅުނު ޅައެއްޗެއް،" ބުސްކެޓްސް ބުންޏެވެ. "ރަނގަޅަށް ކުޅޭ މެޗެއްގައި މެސީ އިދިކޮޅު ޓީމުގެ ގޯލް ކުރިމަތީގައި ބަހައްޓައިފިނަމަ އެއީ އަބަދުވެސް ހަމަ ލަނޑު މެޝިނެއް. މިއަދު އޭނާ އެވަނީ ދެ ލަނޑު ޖަހާފައި. އަހަރެން އުންމީދުކުރަން އެކަން ދެމިގެން ދާނޭ ކަމަށް."

ގްރޫޕް އެޗްގައި އަޔެކްސްގެ އަމިއްލަ ދަނޑުގައި ރޭ ސެލްޓީކްއާ ދެކޮޅަށް ކުޅުނު މެޗު އަޔެކްސް ކާމިޔާބުކުރީ 1-0 އިންނެވެ. އަޔެކްސްގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލާސޭ ޝޯން އެވެ.