07 Nov 2013, 12:35
ރާއްޖޭގެ މަސްރަޙުގައި ހަލަބޮލިކަން އުފެދުނު ނަމަވެސް ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ގާއިމުވެފައި އޮތީ ފުލުހުންގެ ބުރަ މަސައްކަތުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުން މަސައްކަތް ކުރުމުގައި އަބަދުވެސް އެންމެ އިސްކަމެއްދޭން ޖެހޭނީ ޤައުމީ މަސްލަހަތު ދެމެހެއްޓުމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ ހަމަހަމަކަން ޤާއިމް ކުރުމަށް ކަމަށެވެ.
އަދި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރު ގޮވާލެއްވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ ވާހަކައިގައި މުޖުތަމަޢުގެ ތެރޭގައި ކުށްކުށަށް އަރައިގަންނަ ޒުވާނުން އިތުރުވަމުން ދާތީ އެކަމަށް ފުލުހުން ސަމާލުވުމަށް އެދިވަޑައިގެންނެވި އެވެ. އެގޮތުން ކުށްކުށަށް އަރައި ގަތުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ފަރާތްތަކާއި އެފަދަ ކުދިންގެ ބެލެނިވެރިންނާއި ނުވަތަ ސްކޫލް ޓީޗަރުންނާ ވާހަކަ ދައްކައިގެން ދުރާލާ އެކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ފުލުހުން މަސައްކަތްކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ރޭގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ އަރިހުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޞާދިޤުއާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނިޒާމް ބައިވެރިވެވަޑައިގެންނެވި އެވެ.