އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގާތް 11 ބޭފުޅަކަށް ކޮރަޕްޝަންގެ އެކިއެކި ގޮތްތަށް މެދުވެރިކޮށް 5.8 ބިލިއަން ރުފިޔާގެ ފައިދާ ހޯދާދީފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން ރޭ ސްޓެލްކޯގައި ބޭއްވި ޕްރޮގްރާމެއްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިން ޓީމްގައި އިސްކޮށް އުޅުއްވާ އަބްދުﷲ އަމީން އަދި މަލީހު ޖަމާލް ހުށަހަޅުއްވައި ދެއްވި ޕްރެޒެންޓޭޝަނެއްގައި އެ ބޭފުޅުން ވަނީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން ކަމަށް ތުހުމަތުކޮށް ލިބިފައިވާ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

އެ ގޮތުން އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ނަޝީދާ ގާތް 11 ބޭފުޅަކަށް 5.8 ބިލިއަން ރުފިޔާގެ ފައިދާ ހޯއްދަވާ ދެއްވާފައިވާ ކަމަށް ޕީޕީއެމް އިން ތުހުމަތުކުރެ އެވެ.

އަމީން ވިދާޅުވީ ރައީސް ނަޝީދުގެ ގާތް ބޭފުޅެއް ކަމަށްވާ "ޕިރަމިޑް" އަހުމަދު މައުސޫމް ނަޝީދުގެ ވެރިކަމުގައި ހުންނެވީ ރައީސް އޮފީހުގެ ފިނޭންސް ސެކެޓްރީއެއްގެ މަގާމުގައި ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖެ އަށް ދުންފަތް އެތެރެކުރާ އެންމެ ބޮޑު ކުންފުންޏަކީ މައުސޫމް ހިމެނިވަޑައިގަންނަވާ ކުންފުންޏެއް ކަމަށާއި މައުސޫމްގެ ކުންފުނިން އެތެރެކުރާ ސިނގިރެޓުން އަހަރަކު 30 މިލިއަން ރުފިޔާ ރައީސް ނަޝީދު މާފުކޮށްދެއްވި ކަމަށެވެ. މިގޮތުން ކޮންމެ އަހަރަކު 30 މިލިއަން ރުފިޔާ މާފުކުރުމުގެ ތެރެއިން ތިން އަހަރުގެ ތެރޭގައި މައުސޫމްގެ ކުންފުންޏަށް 90 މިލިއަން ރުފިޔާ މާފުކޮށްދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް، ވިޔަފާރިވެރިންނަށް އެނގިލައްވާނެ މިހާރު ވެސް އެތެރެކުރާ ބައެއް ތަކެތިން ޑިއުޓީ މާފުނުކުރެވިގެން ތިޔަ ބޭފުޅުން އުޅެން ޖެހޭ ހާލު. ގާނޫނު އަސާސީ އިން ނުވަތަ ގާނޫނުތަކުން ތަނެއް ނުދޭ ކޮންމެ ކޮންމެ އެއްޗެއްގެ ޑިއުޓީ ފަސޭހަކަމާ އެކު މާފުކުރާ ކަށް. އެހެން ނަމަވެސް މިބޭފުޅުންނަށް ބާރުތައް ލިބުމާ އެކު މިކަންކަން ގާތް ބޭފުޅުންނަށް ފަސޭހަކުރަން ފެށި،" އަމީން ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަލީ ވަހީދު އެމްޑީޕީ އަށް "ގަތުމަށް" ހަރަދުކުރި ފައިސާ އިން 240 ފުލެޓް އެޅުނީސް ކަމަށެވެ.

މަލީހު ވިދާޅުވީ އަލީ ވަހީދު މިހާރު ކުރައްވަމުން ގެންދަވާ އެކި އެކި އިންވެސްޓްމަންޓްތަކުން އެމްޑީޕީ އިން މިފައިސާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަރަދުކުރި ކަން ސާބިތުވާ ކަމަށެވެ. އެ ގޮތުން މާލެއިން ގެއެއް ގަނެ، އެގޭގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވާފައިވާ ކަމަށާއި މީގެ އިތުރުން ހުޅުމާލެއިންނާއި މެލޭޝިޔާ އިން ގެ ގަނެފައިވާ ކަމުގެ ވާހަކަތައް ދެކެވޭ ކަމަށް ވިދާޅުވި އެވެ.

ރޭގެ ޕްރެޒެންޓޭޝަންގައި އަމީން ވަނީ ތިލަފަޅު ހިއްކުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ދިނީ ވެސް ކޮރަޕްޝަންގެ ތެރެއިން ކަމަށް ތުހުމަތުކުރައްވާފަ އެވެ.

"ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން 368 މިލިއަން ރުފިޔާ އޭނާ އަށް ހަވާލުކުރެވުނު. މީގެ ހަގީގަތަށް ބަލާ އިރު މިފައިސާއަކީ އެމްޓީސީސީ އިން ތިލަފަޅު ހިއްކުމުގެ މަޝްރޫއަށް ބިޑުކުރި އަދަދަށް ވުރެ 100 މިލިއަން ރުފިޔާ ބޮޑު އަދަދެއް." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ރަށްރަށުގެ ފަޅު ފުންކޮށް ހިއްކުމުގެ ތަޖުރިބާ އެންމެ ބޮޑު ކުންފުނިން 100 މިލިއަން ރުފިޔާ ހެޔޮ އަގެއް ހުށަހެޅުމުން ވެސް ޕްރޮޖެކްޓް ހަވާލުކުރީ އަގުބޮޑުކޮށް ބިޑުކުރި ހެވީލޯޑަށް ކަމަށެވެ. އަދި އެހެން ޕްރޮޖެކްޓްތަކުގައި ދުވަހަކު ވެސް ކަންކޮށްފައި ނުވާ އުސޫލެއްގެ ދަށުން މަސައްކަތް ފެށުމުގެ ކުރިން ފައިސާ ހެވީލޯޑަށް ދައްކާފައިވާ ކަން އަމީން ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީއަށް އިޝާރާތްކުރައްވާ އަމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ކުންފުނި "އިންވެސްޓް މޯލްޑިވްސް" އަށް އައި މެގަ މޯލްޑިވްސްގެ އިންވެސްޓްމަންޓް މާރިޔާ އާއި މާރިޔާގެ އާއިލާ އަށް ފައިދާވާ ގޮތަށް ދޫކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެބޭފުޅުންގެ ޕާޓީގެ އިސް ބޭފުޅަކަށް ފައިދާވާ ގޮތަށް ބޭރުން އައި އިންވެސްޓްމަންޓެއް ޗެނަލްކޮށްލި ތަން. ކޮން ބޭފުޅުންނެއްތޯ އޭގައި ހިމެނެނީ. ހަމަ ޔަގީނުން ވެސް މާރިޔާއާއި މާރިޔާގެ އާއިލާގެ ބޭފުޅުން. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން. އެބޭފުޅުންގެ ޕާޓީގެ މެމްބަރު އަލީ ވަހީދު މިވާހަކަ އެންމެ ބޮޑަށް ދެއްކެވީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިފައިސާއަކީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން ފާހަގަކުރެވޭ 4.7 ބިލިއަން ރުފިޔާގެ ހިޔާނާތުގެ އިތުރުން، ނަޝީދުގެ ގާތް ރަހުމަތްތެރިންނަށް ފައިދާވާ ގޮތަށް ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށެވެ.

"މިއީ ދައުލަތުގެ ރަސްމީ ބަޖެޓުގެ ތެރެއިން ހޭދަކޮށްފައިވާ ފައިސާ. މިހިރީ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައުލޫމާތުތަކަށް ބަލާއިރު މާރިޔާ އަށް ގާތްގަނޑަކަށް 775 މިލިއަން ރުފިޔާ މިދިޔައީ. ރީކޯ މޫސައަށް 700 މިލިއަން ރުފިޔާ. އިލިޔާސް ލަބީބަށް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ. އަލީ ވަހީދުގެ ޕާޓީ ބަދަލުކުރުމަށް 91 މިލިއަން ރުފިޔާ. ދޮން ބިލެތް އަހުމަދު ހަލީމަށް ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ. ޝިއުނާ އަށް 912 މިލިއަން ރުފިޔާ. އަދި ރާޒީމެން ހިމެނޭ ކުންފުންޏަށް ފައިދާވާ ގޮތަށް 100 މިލިއަން ރުފިޔާ. ބާގީ ޝާހިދަށް 42 މިލިއަން ރުފިޔާ. އަދި ނަޝީދުގެ އާއިލާގެ ބޭބެއަށް 1،100 މިލިއަން ރުފިޔާ. ކުޑަ ބަންދޭއަށް 1،000 މިލިއަން ރުފިޔާ. އަދި މައުސޫމަށް ގާތްގަނޑަކަށް 90 –100 މިލިއަން ރުފިޔާ،" އަމީން ވިދާޅުވި އެވެ.

އެ އަދަދުތައް އެއްކޮށްލުމުން 5.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އަމީން ވިދާޅުވި އެވެ.