36 ވަނަ ޕެރެލަލް ދަމާލެވި، ކޮރެއާ ބައިބައިކުރެވި، އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ދެ ޤައުމުގެ ގޮތުގައި ވުޖޫދަށް އައީއްސުރެ ޗައިނާއަކީ އުތުރު ކޮރެޔާގެ ބެލެނިވެރިކަމާއި ބަލަދުވެރިކަމުގެ މަޤާމު ފުރަމުން އަންނަ ޤައުމެވެ. އެމެރިކާއާއި އެމެރިކާގެ އެހީތެރީންނަށް 1950 ވަނަ އަހަރު ފެށުނު ކޮރެއާ ހަނގުރާމައިގައި ކާމިޔާބު ލިބި، އުތުރު ކޮރެއާގެ ކޮމިޔުނިސްޓް ބާރުތައް ފުނޑުފުނޑުވެގެންދާން ދިޔަ ދަނޑިވަޅުގައި އެކަން ހުއްޓުވީވެސް ޗައިނާއެވެ. އެހެންކަމުން ކޮމިޔުނިސްޓް ދައުލަތެއްގެ ގޮތުގައި އުތުރު ކޮރެއާ ވުޖޫދަށް އައީވެސް ޗައިނާގެ ބާރުގައި ކަމަށް ބުނެވިދާނެއެވެ. އެއިރު އުތުރު ކޮރެއާގެ އެހީތެރިއެއްގެ ގޮތުގައި ކޮމިޔުނިސްޓް ރޫސީން ތިބި ނަމަވެސް، 1990 އަށްފަހު އުތުރު ކޮރެއާގެ ހަމައެކަނި މަދަދުގާރަކީ ޗައިނާއެވެ. ނަމަވެސް މިހާރު އިވޭ އަޑުތަކުން ދޭހަވަނީ ޗައިނާގެ ސިޔާސަތު ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.


ދުނިޔޭގެ ސިޔާސީ މަސްރަޙާ ގުޅުން ހުރި ސިއްރު ލިޔެކިޔުންތަކާއި މަޢުލޫމާތު އެކި ގޮތްގޮތުން ހޯދައި އެ ތަކެއްޗާ ބެހޭ މަޢުލޫމާތު ފަތުރާ ވެބްސައިޓެއް ކަމުގައިވާ ވިކިލީކްސްގައި އިއްޔެ ޝާއިޢުކުރެވުނު ލިޔުންތަކެއްގެ ތެރޭގައި އެމެރިކާއާއި ޗައިނާގެ ޑިޕްލޮމެޓުންގެ މެދުގައި ރޭގަނޑުގެ ފަރީއްކޮޅެއްގެ ތެރޭގައި ދެކެވިފައިވާ ވާހަކަތައް ހިމެނެއެވެ. ކަޒަކްސްތާނުގެ ވެރިރަށް އަސްތާނާގައި، 2009 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޮތް މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގެން އުތުރު ކޮރެއާއާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވަނީ ކަޒަކްސްތާނުގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރ ޗެންގ ގުއޯޕިންގ އާއި އެ ޤައުމުގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރ ރިޗަރޑް ހޯގްލެންޑާ ދެ ބޭފުޅުންނެވެ. މި ވާހަކަތަކުގައި ޗައިނާގެ ޑިޕްލޮމެޓުން ވިދާޅުވެފައިވަނީ ޗައިނާއަށް އުތުރު ކޮރެއާގެ އެކުވެރިކަމުގެ ސަބަބުން މިހާރު ކުރާ ފައިދާއެއް ނެތް ކަމަށާއި، އުތުރު ކޮރެއާގެ ކޮމިޔުނިސްޓް ވެރިކަން ވެއްޓިއްޖެނަމަ، ސުލްހަވެރި ގޮތެއްގައި އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ އެއްކޮށްލަން ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމުގައެވެ. ނަމަވެސް އުތުރު ކޮރެއާއަށް ގެއްލުންތަކެއް ނުލިބޭނޭ ގޮތަށް، އަދި އެ ޤައުމުގެ ރައީސް ކިމް ޖޮންގ އިލް އަށް އެއްވެސް ކަހަލަ ނިކަމެތިކަމެއް ނުލިބޭނޭ ގޮތަށް މިކަން ކުރެވެން ވާނެ ކަމަށްވެސް ޗެންގ ވިދާޅުވިކަމަށް ވެއެވެ.


ކޮރެއާ ދެބައިކުރެވުނީއްސުރެ ކޮމިޔުނިސްޓް އުތުރު ކޮރެއާއާއި ޑިމޮކްރަޓިކް ދެކުނު ކޮރެއާ އާ ދެމެދުގައި އޮތީ ހަސަދަވެރިކަމާއި ދުޝްމަންކަމާއި އަދާވާތްތެރިކަމެވެ. 1953 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ދެ ޤައުމުގެ ދެމެދުގައި ހިނގާފައިވާ އެންމެ ވަރުގަދަ އެއް ކުރިމަތިލުން ހިނގާފައިވަނީ މީގެ ހަފުތާއެއްހައި ދުވަސްކުރީންނެވެ. މި ހާދިސާގައި ދެ ޤައުމުގެ ސިފައިން ވަނީ ރީނދޫ ކަނޑުގައި އޮންނަ ސައުތު ކޮރެއާގެ ޖަޒީރާއެއް ކަމުގައިވާ ޔިއޮންޕިއޮންގ ސަރަޙައްދުގައި ބޮޑުބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ. ސައުތު ކޮރެއާގެ ސަރުކާރުން ބުނިގޮތުގައި އެ ޤައުމުގެ ސިފައިން ޙަމަލާ ދިނީ އިސްވެ އުތުރު ކޮރެއާ ސިފައިން ޔިއޮންޕިއޮންގއަށް ޙަމަލާދީ، ސައުތުގެ ދެ ސިފައިން މަރާލުމުން ރައްދުގައެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ އިސްވެ ޙަމަލާދިން ކަމަށް އިންކާރުކޮށްފައެވެ. މި ޙާދިސާއާ ގުޅިގެން ސައުތު ކޮރެއާގެ އަސްކަރީ ބާރު ވަނީ 1953-1950 ގެ ހަނގުރާމައަށްފަހު ދުވަހަކުވެސް ނުގެނެވޭފަދަ ތައްޔާރީ ޙާލަތަކަށް ގެނެވިފައެވެ. މަދުވެގެން ހަތަރު މީހުން މަރުވި މި ޙާދިސާއަށްފަހު ވޮޝިންގޓަނުން ގެންދަނީ ކޮރެއާ މައްސަލައިގައި ކުރިޔަށްވުރެ ޒިންމާދާރު ސިޔާސަތެއް ގެންގުޅެން ބެއިޖިންގ އަށް ޕްރެޝަރު ކުރަމުންނެވެ. މައްސަލައާ ބެހޭގޮތުން މަޝްވަރާކުރަން ދުނިޔޭގެ ބޮޑެތި ބާރުތައް ބައިވެރިވާ ބައްދަވުމެއް ބާއްވަން ޗައިނާގެ ސަރުކާރުން ގޮވާލީ މި ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުންނެވެ.


މިހާރުގެ ޙާލަތު ހުރި ގޮތަށް ބަލާއިރު، އުތުރު ކޮރެއާއަކަށް އެކަނިމާއެކަނި ދެކުނު ކޮރެއާގެ އަސްކަރީ ބާރާއި އެމެރިކާގެ ގަދަފަދަ ލަޝްކަރުތަކާ ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް ނުބެލެވެއެެވެ. އުތުރު ކޮރެއާގެ ލީޑަރުންނާއި އަސްކަރިއްޔާގެ ބޭފުޅުން ކިތަންމެ އޮށްހެޔޮ ބަސްތަކެއް ބޭނުންކުރެއްވިޔަސް، ކިތަންމެ ބިރުވެރި އިންޒާރުތަކެއް ދެއްވިޔަސް، އެމެރިކާއާއި އެމެރިކާގެ އެކުވެރީންނާ ދެކޮޅަށް ތެދުވެ މާބޮޑު ކަމެއް ކުރެވޭނެހައި ޤާބިލިއްޔަތު އުތުރު ކޮރެއާގެ ކިބައިގައި ހުރި ކަމަކަށް ނުބެލެވެއެވެ. އަސްކަރީ ޤާބިލިއްޔަތަށް ބަލާއިރު، އުތުރު ކޮރެއާ ދިފާޢީ ކަންތައްތަކާއި އަސްކަރީ ބާރު ތަރައްޤީކުރުމަށްޓަކައި އަހަރަކު 5 ބިލިއަން ޑޮލަރު ހޭދަކުރާ އިރު، ދެކުނު ކޮރެއާގެ މި ބަޖެޓު އުޅެނީ 24 ބިލިއަން ޑޮލަރަށްވުރެ މަތީގައެވެ. ހަތިޔާރަށް ބެލިޔަސް، ދެކުނު ކޮރެއާގެ ލަޝްކަރު އުތުރު ކޮރެއާގެ ލަޝްކަރަށްވުރެ ޒަމާނީވެފައި ވަރުގަދައެވެ. އެހެންކަމުން ދެކުނު ކޮރެއާގެ 687000 ސިފައިންނާ ދެކޮޅަށް އުތުރު ކޮރެއާގެ 1106000 ސިފައިން ނިކުތަސް، ބައިގިނަވުމުގެ އެކަށީގެންވާ ފައިދާއެއް އުތުރު ކޮރެއާއަށް ލިބިދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެ ގޮތެއް ވިޔަސް އެމެރިކާގެ ގަދަފަދަ ލަޝްކަރު އޮންނާނީ ދެކުނު ކޮރެއާގެ ދިފާޢުގައި ތެދުވަން ތައްޔާރަށެވެ. މިކަން ދާދިފަހުންވެސް އެމެރިކާ ސަރުކާރުން ވަނީ މުޅި ދުނިޔެއަށް ޔަޤީންކޮށްދީފައެވެ. މި ހަފުތާގެ ތެރޭގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ރޮބަރޓް ގިބްސް ވިދާޅުވިގޮތުގައި އެމެރިކާ އޮންނާނީ ދެކުނު ކޮރެއާގެ ދިފާޢުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ކަން އުތުރު ކޮރެއާ ދަންނަން ވާނެއެވެ.


އަނެއްކޮޅުން، އުތުރު ކޮރެއާއަށް ތާއީދުކުރުމުގެ ސިޔާސަތު ބަދަލުކުރުމުގެ ވިސްނުމެއް ޗައިނާގެ ކިބައިގައި އެބަހުރިކަމުގެ އެހެން ނިޝާންތައްވެސް މިހާރު އެބަފެނެއެވެ. ވިކިލީކްސްއިން ހާމަކުރި އެހެން ސިއްރު ރިކޯރޑެއްގައި ވާގޮތުން ދެކުނު ކޮރެއާގެ ކުރީގެ ޚާރިޖީ ވަޒީރުގެ ނާއިބާއި އެމެރިކާއިން ދެކުނު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ކެތުލީން ސްޓެފަންސްއާ ދެބޭފުޅުންގެ ދެމެދުގައި ހިނގި މުހާވަރާއެއްގައިވެސް ޗައިނާ ސަރުކާރުން އުތުރު ކޮރެއާއާމެދު ގެންގުޅެމުންއައި ސިޔާސަތު ބަދަލުކުރަން ވިސްނާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ބަދަލުކުރެވިފައެވެ. ދެކުނު ކޮރެއާގެ ރައީސަށް ޤައުމުގެ ސަލާމަތާބެހޭ ކަންތައްތަކުގައި ލަފާއަރުވާ އެޑްވައިޒަރެއް ކަމުގައިވާ ޗުން ޔުންގ ވޫ ވިދާޅުވިގޮތުގައި ޗައިނާގެ ސިޔާސަތުގެ މުގުލުގައި މިހާރު އިސްވެތިއްބެވި ޒުވާން ބޭފުޅުންގެ ކިބައިގައި ހުރީ ދެ ކޮރެއާ އެއްކޮށްލަން ތާއީދުކުރައްވާ ކަހަލަ ވިސްނުންފުޅެކެވެ. އުތުރު ކޮރެއާގެ ދިފާޢުގައި ޗައިނާގެ ލަޝްކަރު ހަތިޔާރުގައި ހިފާފާނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ޗައިނާގެ އިގްތިސާދީ މަސްލަހަތު ރައްކާތެރިކުރެވެން އޮތީ އެމެރިކާއާ އެއްބާރުލައިގެން ކަމަށް ވާތީ، އެމެރިކާއާ ދެކޮޅަށް ޗައިނާގެ ލަޝްކަރު ހަނގުރާމައިގެ މައިދާނަކަށް ނުނުކުންނާނެ ކަމުގައެވެ.


ވިކިލީކްސް ވެބްސައިޓުން ޢާއްމުކުރި މަޢުލޫމާތުތައް ޢާއްމުވެފައި މި ވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރު މަޝްރޫޢުގެ އިތުރު ފިޔަވައްސެއް އިޢުލާންކުރެވުނުތަނާ ކަހަލަ ގޮތަކަށެވެ. ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ކުރާ އާ ޕްލާންޓެއް ހުޅުވައިފިކަމާއި، އެތައް އެތައްހާސް މުއައްޒަފުންނެއް ޙަރަކާތްތެރިވާ މި ޕްލާންޓުގެ ސަބަބުން އުތުރު ކޮރެއާގެ ނިއުކްލިއަރު މަޝްރޫޢު ކުރިޔަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް އުތުރު ކޮރެއާ ސަރުކާރުގެ ތަރުޖަމާނުން ވިދާޅުވެއެވެ. މިފަދަ ދަނޑިވަޅެއްގައި މިއީ އެމެރިކާއާއި ދެކުނު ކޮރެއާ ޖެހިލުންކުރުވުމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް މުހައްލިލުން ދެކެއެވެ. ހަމައެއާއެކު މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާގެ ވަށައިގެން އެމެރިކާ ޖަހަމުންގެންދާ ދާ އިތުރަށް ބާރުކުރާނީކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ޗައިނާގެ އަސްކަރީ މަދަދާ ނުލައި އުތުރު ކޮރެއާ އޮންނާނީ ޔަތީމު ކުއްޖެއްގެ މިސާލުގައެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އުތުރު ކޮރެއާގެ އަޖަލު ފުރިހަމަވެ، ކޮމިއުނިސްޓް ވެރިކަން ވެއްޓިގެން ދިޔުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.