22 Mar 2010, 15:57
19:00
މާލެތެރެ ބެލެހެއްޓުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގައި 18 އަހަރުން ދަށުގެ 6 ކުދިންނާއި 20 މީހަކު ފުލުހުން މިހާތަނަށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްލިސް މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ، ގާނޫނުތަކާއި ގާވާއިދުތަކަށް ބެލުމެއް ނެތި ކުށްކުށަށް އަރައިގަނެ، މި ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި ޖަލުތަކުގައި ތިބި ގައިދީން ގޭބަންދަން ދޫކޮށްލި ނަމަވެސް، ޑީޕީއާރުއެސްއާ މަޝްވަރާކޮށްގެން އެ މީހުން އަނބުރާ ޖަލުތަކަށް ބަދަލުކުރަމުންދާ ކަމަށެވެ.
ފުލުހުން މާލެތެރޭގައި ހިންގާ ހާއްސަ އޮޕަރޭޝަންގައި މީހާތަނަށް 18 އަހަރުން ދަށުގެ 6 ކުދިންނާއި 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ މީހުންގެ ތެރޭގައި ދި ޓީވީއަށާއި ހަވީރު އިދާރާގެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ސީދާ ގުޅުން ހުރި ފަސް މީހަކު ވެސް ހިމެނޭ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
ރިޝްވާން ވިދާޅުވީ މީހާތަނަށް ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ މާލޭގެ އެކި ހިސާބުތަކަގައި ގުރޫޕް ހަދައިގެން އުޅޭ މީހުން ކަމަށާއި އެގޭ ތެރޭގައި ޖަލުން ގޭބަންދަށް ދޫކޮށްފައިވާ މީހުންނާއި ޖަލުން ފިލައިގެން އުޅޭ މީހުންވެސް ހިމެނޭ ކަމަށެވެ. އަދި އެފަދަ މީހުން ހައްޔަރުކުރަނީ އެ މީހުން ބަލާ ފާސްކުރަމުންދާއިރު ހެއްކާއި ގަރީނާ ލިބޭ މީހުން ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.
ހައްޔަރުކުރި މީހުންގެ އަތުން އަތުލައިގެންފައިވާ ސާމާނުގެ ތެރޭގައި ވަޅިއާއި ހަންޖަރާއި ތަފާތު އިލެކްޓްރޯނިސް ސާމާނާއި މޫނު ނިވާކުރަން ގެންގުޅޭ އެއްޗެހި ވެސް ނޫސްވެރިންނަށް ދައްކާލައިފައިވެ އެވެ. އަދި މާރާމާރީތަކާ ގުޅިގެން ދުވަހު ނޫސްތަކުގައި ޖަހައިފައިވާ ތަފާތު ހަބަރުތަކާއި އަދި އެ މާރާމާރީ ތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ފޮޓޯ ޖަހައިފައިވާ ހަބަރުތައް އެކުލެވޭ ފައިލެއް ވެސް ހައްޔަރުކުރި މީހުން އަތުން އަތުލައިގަނެ، ނޫސްވެރިންނަށް ދައްކައިފައިވެ އެވެ.