ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރާ ފަޅުރަށްރަށުގައި އިކޯ-އެގްރޯޓުއަރިޒަމްގެ ޚިދުމަތަށް ހުއްދަ ދެއްވާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވައިފި އެވެ.

އެ ހުއްދަ ދެއްވުމަށް ލަފާއެރުވީ، އިއްޔެ ބޭއްވެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރާ ފަޅުރަށްރަށުގައި އިކޯ-އެގްރޯޓުއަރިޒަމްގެ ޚިދްމަތް ތަޢާރުފް ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި މޫދާއި ފަރު ފަޅު އަދި ވިލުތަކަކީ، ރާއްޖޭގެ އެންމެ އަގުހުރި ޤުދްރަތީ ވަސީލަތްތަކަށްވާ އިރު، ރާއްޖޭގެ ފަޅުރަށްތަކުން ދައުލަތަށާއި ރައްޔިތުންނަށް ހޯދައިދެވެން އޮތް އެންމެމަތީ މަންފާއެއް ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމަށް އިންވެސްޓް ކުރާނެ ފައިސާ ހޯދައި ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ތިމާވެށްޓާއި ރައްޓެހި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި މަސްވެރިކަމަށް ހިތްވަރުދީ، އެކަންކަން ކުރިއެރުވުމާއި އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމާއި، ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ ސިފަތަކާއި، ގަސްގަހާގެއްސާއި ދިރޭ ތަކެއްޗާއި އަދި ރާއްޖޭގެ ނާޒުކު ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ރާއްޖޭގެ މަސްވެރިން ބާނާ މަހާއި، އެމަހުން އުފައްދާ ތަކެތި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓްކޮށް، ޕްރޮމޯޓްކޮށް، ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ދުނިޔޭގެ މާކެޓްތަކުން ރަނގަޅު އަގު ހޯދުމަށް މަސައްކަތް ކުރުމަށް (ފިޝަރީޒް ޕްރޮމޯޝަން ބޯޑު)ގެ ނަމުގައި ބޯޑެއް އުފެއްދެމަށް ވެސް ނިންމާފައިވެ އެވެ. އެގޮތަށް ނިންމީ، ބޯޑު އުފެއްދުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދައްކަވައި، މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިސާދު ހީނަރުވެ، މަސްވެރިކަމުން ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިޤްތިސާދު ރަނގަޅު ޙާލަތަކަށް ގެންދިޔުމަށާއި މަސްވެރިކަމުގެ ޖީޑީޕީ ކުރިއެރުވުމަށް ޓަކައި މިފަދަ ބޯޑެއް އުފެއްދެވުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.