07 Nov 2013, 11:41
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ރަނަރަޕް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި އެޓީމު އަތުން 1-0 އިން މޮޅުވެ އިނގިރޭސި ވިލާތުގެ އާސެނަލް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފި އެވެ.
ރޭގެ އުނދަގޫ މޮޅާއެކު އާސެނަލް ވަނީ، 9 ޕޮއިންޓް ހޯދައިގެން ޕޮއިންޓްގެ ގޮތުން ނަޕޯލީއާ އެއްވަރުކޮށް ލަނޑުގެ ތަފާތުން ގްރޫޕްގެ ކުރި ހޯދައިފަ އެވެ. ރޭގެ މެޗުން ބަލިވުމުން ހަ ޕޮއިންޓާއެކު ޑޯޓްމަން އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އަދި ޕޮއިންޓެއް ނުލިބި ފްރާންސްގެ މާސޭ އޮތީ ގްރޫޕުގެ ފުލުގަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 62 ވަނަ މިނިޓުގައި އާރޮން ރަމްސީއެވެ. މިއީ އޭނާ މިސީޒަންގައި އާސެނަލްއަށް ޖަހައިދިން 11ވަނަ ގޯލް އެވެ.
މުބާރާތުގައި ކޮންމެ ޓީމެއްވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ބާކީ އަދި ދެ މެޗު އޮންނާނެ އެވެ. އެހެން ކަމުން އާސެނަލްއާއި ނަޕޯލީ އަދި ޑޯޓްމަންޑަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އޮތީ ހުޅުވިފަ އެވެ.
"މިހާރު މެޗުތުގެ ނަތީޖާ ނުކުންނަ ގޮތުން ގްރޫޕްގައި ޓީމުތައް ކުރިއަށްދާނީ ކިހިނެއް ކަމެއް ބުނާކަށް ނޭނގެ،" އާސެނަލްގެ ކޯޗު އާސީން ވެންގާ ބުންޏެވެ.
މި މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މާސޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު ފަހު މެޗުގައި އަންނަ މަހު 11ގައި އާސެނަލް ވާދަކުރަން ޖެހޭނީ ރަށުން ބޭރުގައި ނަޕޯލީއާ އެވެ.
ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމަށްޓަކައި ޑޯޓްމަންޑުން ކުރިއަށް އޮތް ދެމެޗު ކާމިޔާބުކުރަން ޖެހޭއިރު އާސެނަލް އަދި ނަޕޯލީ ވެސް ވާދަވެރި ކުރިމަތިލުމަކަށް ދާންޖެހޭނެ އެވެ.
"ބޭކާރު ގޮތެއްގައި މެޗުން ބަލިވި ނަމަވެސް އަދި އަހަރެމެންގެ އުންމީދު ކަނޑައެއް ނުލަން. ސަބަބަކީ ކުރިއަށް އޮތް ދެ މެޗުން މޮޅުވެވިއްޖިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް،" ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް އަދި ދެވަނަ މެޗު ރަށުން ބޭރުގައި މާސޭއާ ދެކޮޅަށް ކުޅެން ޖެހޭ ޑޯޓްމަންޑްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.
ގްރޫގް އެފްގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ފްރާންގެ މާސެއި އަތުން އިޓަލީގެ ނަޕޯލީ މޮޅުވީ 3-2 އިން ނެވެ. އެ މެޗުގައި ނަޕޯލީއަށް ލަނޑު ޖަހައިދިނީ، ގޫޚާން އިންލާ އަދި ގޮންޒާލޯ ހިގައިން ދެ ލަނޑެވެ. މާސެއިއަށް ލަނޑު ޖަހައި ދިނީ އަންދްރޭ އަޔޫ އާއި ފްލޮއިއަން ތައުވިން އެވެ.