07 Nov 2013, 11:15
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ ޝަރީއަތްތައް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 9:00 އަށް ޝެޑިއުލްކޮށްފައި އޮތް ޒަކީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ އާއި ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އޭނާ އަށް ޗިޓް ހަވާލުނުކުރެވޭތީ ކަމަށެވެ.
ޒަކީގެ މައްޗަށް ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 އެހައިކަންހާއިރު އިތުރު ބަޔަކާ އެކު އޭނާ ހދ. ހޮނޑައިދޫގައި ހުރި ދިމާލުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.
ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ ހދ. ހޮނޑައިދޫގައި އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެންކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާތަކެތި ދޭން އެންގުމުން އެކަމަށް ޒަކީ އިންކާރު ކުރައްވާފައިވާތީ އެވެ.
ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކޮންމެ މީހަކު 15 އަހަރަށް ޖަލަށްލުމާ އެކު 25،000ރ. އިން ފެށިގެން 500،000ރ.އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އެގޮތަށް ބަޔާން ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ)ގަ އެވެ.
އެ ގާނޫނު ބުނާ ގޮތުން ކެނަބިސް ޓްރެފިކްކުރި ކަމަށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ ކުށް ކަނޑައަޅާނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 106 ވަނަ މާއްދާގެ (ނ)ގަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.